ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ކްރެޑިޓް މި ސަރުކާރާއި ކުރީގެ ދެ ސަރުކާރަށް ވެސް ދޭން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ އަށްވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިންތިގާލީ މަރުހަލާގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްކަމަށާ، އެދުވަހު ދެއްވި ބަސްދީގަތުމުގައިވެސް ވިދާޅުވި ފަދައިން، އާ ޓާމިނަލްގެ މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއު ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އާ ޓާމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، އެއާޕޯޓްގެ ތަރައްގީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.
ވީއައިއޭގެ އާ ޓާމިނަލް މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިގުތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށާ، ވަކީން ހާއްސަކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މި އެއާޕޯޓަކީ ދިވެހި އިގުތިސާދުގެ އެންމެ މުހިންމު އެސެޓް ކަމަށާ، އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި އެއާޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއްކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ހަމަ މިފަދައިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އޮޕަރޭޓްކުރަމުންދާ ސަރަހައްދީ އެއާޕޯޓުތަކާއި، ތަރައްގީ ކުރެވެމުންދާ އެއާޕޯޓުތަކުގެ މަޝްރޫއުތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
ކުރިއަށް އޮތީ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަންދުވަހުގެ މުނާސަބާ ކަމުގައި ފާހަގަކުރައްވައި، ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ ބޭނުންފުޅުވާ ކަމަކީ، ދިވެހިރާއްޖެއަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ، ހަމަޖެހުން ގާއިމުވެފައި އޮތް ގައުމަކަށް ވުން ކަމަށާއި، ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލައި، އުފާވެރި، އެކުވެރި މުޖުތަމައެއް ދިވެހި ގައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ހަގީގަތް ގުޅިފައިވަނީ މުޖުތަމައުގެ ގުޅިލާމެހުމާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.