ހުޅުމާލޭގެ ދެފިޔަވަހި ގުޅޭ ހިސާބުގައި އޮންނަ ޗެނަލް ތެރެއިން ފެމުނު ފެންނަން ފަށައިފިއެވެ.
މި ޗެނަލް އަކީ ހުޅުމާލޭގައި އުޅޭ ވަރަށް ގިނަ މީހުން މިހާރު މޫދަށް ގޮސް އުޅޭ ސަރަހައްދެކެވެ. އަދި މޫދު ކުޅިވަރުތައް ކުޅުމުގައި ވެސް އެ ޗެނަލް ވަރަށް ގިނައިން ބޭނުންކުރެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ޗެނަލް ތެރެއިން މިޔަރުގެ އެންމެ ނުރައްކާތެރި އެއް ބާވަތް ކަމަށްވާ ޓައިގާ ޝާކް ނުވަތަ ފެމުނެއް ފެނެއެވެ.
"ނޮޖް ޑައިވް މޯލްޑިވްސް" އެކައުންޓަކުން ފޭސްބުކަށް ލާފައިވާ އެ ވީޑިއޯގައި ވެސް ވަނީ ޗެނަލްތެރެއަށް ވަދެ އުޅޭ އެންމެ ބޭފުޅުންވެސް އެކަމަށް ސަމާލުވުމަށް ބުނެފައެވެ.
ފެމުނަކީ ރާއްޖެ ފަދަ ހޫނު ގައުމުތަކުގެ މޫދުގައި އާއްމުކޮށް އުޅޭ އެއްޗެކެވެ. އޭގެ ދިގުމިން 16 ފޫޓަށް އަރާއިރު، އެންމެ ނުރައްކާތެރި މިޔަރުގެ ބާވަތަށް އެ ވަނީ އެއީ ކޮންމެ އެއްޗެސް ވެސް ކައިފާނެ އެއްޗަކަށް ވާތީއެވެ.
އޭގެ ދަތްތައް ވަރުގަދަ ކަމުން އިންސާނާގެ ކަށިތައް ވެސް ހަފާ ބުރިކޮށްލުމުގެ ބާރު ހުރެއެވެ. ގްރޭޓް ވައިޓް ޝާކުގެ އިތުރުން، އިންސާނުންނަށް އެންމެ ގިނައިން ހަމަލާދޭ މިޔަރަކީ ފެމުނެވެ.
މޫދަށް ގޮސް އުޅޭ އިރު މިޔަރު ދަތް އަޅައިގެން ވަރަށް ގިނަ ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ރާއްޖޭގައި ވެސް މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.