ދިވެހި ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރޭ ބޭއްވި ހަވަނަ އަހާ ފޯރަމްގައި މައުލޫމާތުދެއްވަމުންނެވެ.
މިއުޒިޝަނުންނާއި ފަންނާނުންނަށް ސަރުކާރާއި އެންސީއޭގެ ފަރާތުން ކުރަމުން އަންނަނީ ކަންތައްތައްތަކާ ބެހޭގޮތުން ފަންނާނަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށާއި، އޭގެ ފުރަތަމަ ބެޗުގެ އަންނަ އޮގަސްޓުގައި ފެށުމަކީ އުއްމީދެއް ކަމަށެވެ.
"25 މިލިއަން ރުފިޔާ، އޭގެ ފުރަތަމަ ބެޗު އަޅުގަނޑުމެން ފަށާނަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އުއްމީދަކީ އޮގަސްޓް މަހު އެކަން ފެށުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ބޭނުންވާ އުސޫލު ފަންނާނުންގެ ވެސް އެހީއާއެކު މިހާރު ތައްޔާރުކުރެވިފައިވާ ކަމަށެވެ. އަދި އެ އެހީ ދޭނެ ސީދާ ގޮތްތަކެއް ރާވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި އެހީ ދިނުމަށް ނިންމާފައިވަނީ ޕޯޓަލް އެއް މެދުވެރިކޮށް ކަމަށެވެ. އަދި ޕޯޓަލް ހެދުމަށް ދުވަސް ނަގާނެތީ އެކަން ކުރެވޭނެ ސީދާ ތާރީހެއް ދަންނަވަން ދަތިކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ޔަގީންކަން މިދެނީ، ތިބޭފުޅުންނަށް، އާޓިސްޓުން މިދަންނަވާ އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ފަންނާނުންނަށްޓަކައި ޕްރޮޑަކްޝަން ހައުސް އެއްގެ މަސައްކަތް ކުރިއަށްގެންދާ ކަމަށާއި، އެ މަސައްކަތް ކުރިއަށްގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކަމަށެވެ.
ވަޒީރު ވިދާޅުވީ މަސައްކަތް ކުރައްވަމުން އަންނަނީ އެ ޕްރޮޑަކްޝަންގެ ހައުސްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާ، ފަންނާނުންނަށް އެތަނުގެ ބޭނުން ހިފޭނެ ގޮތަށް ކަމަށެވެ. އަދި ޓައިމްލައިނާ އެއްގޮތަށް އެ މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން ބީސީސީން ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަންނާނުން މިހާރުވެސް އެންސީއޭ ބޭނުންކުރަމުން އަންނަނީ ހިލޭ ކަމަށާއި މިއުޒިކް ކުޅުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ވަސީލަތްތައް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ގާއިމްކުރުމަށް ރައީސް އިސްކަން ދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.