އެމްއެމްޕީއާރުސީއަށް ފާއިތުވެދިޔަ 4 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ފައިދާވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 2 ދުވަސް ކުރިން - 15 ޖުލައި 2025 13:27
އެމްއެމްޕީއާރުސީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ތެރެއިން / ފޮޓޯ: އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ތެރެއިން / ފޮޓޯ: އެމްއެމްޕީއާރުސީ
ޚުލާސާ

ކުންފުނީގެ ހިންގުން ބަދަލުކޮށް މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ހޯދާފައިވާއިރު އެކުންފުނީގެ ނަން ދާދި ފަހުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ވަނީ ބަދަލުކޮށްފަ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ނުވަތަ ކުރީގެ އެމްއެމްޕީއާރްސީ އަށް ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ފައިދާވެފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް 27.5 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ރެކޯޑުކުރެވިފަ އެވެ.

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ގަރާރަކުން މިދިޔަ އާދީއްތަ ދުވަހު އެވެ.

އެކޯޕަރޭޝަނުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރު ބޮޑު ފައިދާއެއް ލިބުނުއިރު، އެކޯޕަރޭޝަނަށް 18 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ރިޕޯޓުކޮށްފައެވެ. އެކޯޕަރޭޝަނުން ބުނީ، މިއީ ކޯޕަރޭޝަން ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމުގެ އިޝާރާތެއް ކަމަށެވެ.

ވޭތުވެދިޔަ އަހަރުގެތެރޭގައި މާލީ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް 10 ޕަސެންޓު މަދުކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއްގެ ސަބަބުން، ކުރިން 21 އިދާރާއަށް ދެމުންދިޔަ ޚިދުމަތް އެންމެ ހަ އިދާރާއަށް ސްޓްރެޓެޖިކް ގޮތެއްގައި ދަށްކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ކޯޕަރޭޝަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އެއެކޯޕަރޭޝަނުން ފާހަގަކުރިއެވެ. އަދި ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ 80 ޕަސެންޓާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ކޯޕަރޭޝަނުން ގެންގުޅުނު އުސޫލު ވަނީ އަލުން އެކުލަވާލާފައެވެ. އެ އަދަދު މިހާރު ހުރީ 34 ޕަސެންޓުގައި ކަމަށް އެމްއެމްޕީއާރުސީއިން ހާމަކުރިއެވެ.

މީގެއިތުރުން ބޮޑެތި އިވެންޓުތަކުން އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާކަމަށާއި މި އަދަދު ކުޑަކޮށްފައިވީ ނަމަވެސް، ސިނާއަތުގެ ބައިވެރިވުމާއި ބައިނަލްއަގްވާމީ ގޮތުން ފެންނަން ހުރި މިންވަރު ވަރުގަދަވެ، ރަނގަޅު ފީޑްބެކްތަކެއް ލިބެމުންދާ ކަމަށްވެސް އެއެކޯޕަރޭޝަނުން ބުންޏެވެ.

މިހާރު ވެސް ޑެސްޓިނޭޝަން މާކެޓިންގައި 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ހިންގަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ރާއްޖޭގެ ގަދަ 10 މާކެޓަކުން ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެއް ލިބިފައިވާކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ. 2023 ވަނަ އަހަރު 39 ޕަސެންޓު ދަށަށް ދިޔަ އިންޑިއާ ވަނީ މިއަހަރު ހަތަރު ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައެވެ. ރަޝިއާ، އިނގިރޭސިވިލާތް، ޗައިނާ އަދި އެހެނިހެން މުހިންމު މާކެޓުތަކުން ވެސް ކުރިއެރުން ލިބިފައިވާކަމަށް އެކޯޕަރޭޝަނުން ބުންޏެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%