މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އޭސީސީގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 150,000 އެމެރިކާ ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ވަނީ ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައެވެ. މި ފައިސާ ޖަމާކޮށްފައިވަނީ 13 ޖުލައި 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށެވެ.
އޭސީސީން ބުނި ގޮތުގައި އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވެއެވެ. އަދި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސްއިން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން، ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އޭސީސީން ބުނެއެވެ. އޮޅުގިރި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުން 36 މަސްދުވަހުގެ ތެރޭގައި އެ ރަށުގައި ރިޒޯޓެއް ތަރައްގީކުރަން ޖެހުނު ނަމަވެސް، އެ މުއްދަތުގައި އެކަން ފުރިހަމަކޮށްފައި ނުވާކަން ތަހުގީގަށް ވަނީ ފާހަގަވެފައެވެ.
މި މައްސަލައިގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. އަދި އެ ކުންފުނިން ހޯދާފައިވާ އެއްލައްކަ ފަންސާސްހާސް ޑޮލަރު ދައުލަތަށް ހޯދުމަށްވެސް ވަނީ އެދިފައެވެ. މީގެ އިތުރުން، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ، އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރުސީއާ ގުޅޭ މިފަދަ އިތުރު ސީރިއަސް މައްސަލަތަކެއްގައި ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް އޭސީސީން މިހާރު ގެންދަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާ ކުރަމުންނެވެ.









