ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކޯޕަރޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ސަބީހާ އަހުމަދު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަމަޖައްސައިފިއެވެ.
ސަބީހާ މި މަގާމަށް އައްޔަންކޮށްފައިވަނީ، 13 ޖޫން 2024 އިން ފެށިގެން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ އަމިއްލަ ސަބަބުތަކަކާ ހުރެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޑިސެމްބަރު 2023 އިން ފެށިގެން ވީއެމްސީގެ ސީއޯއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާ ސަބީހާއަކީ، 29 އޮކްޓޫބަރު 2025 ގައި އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް އައްޔަންކޮށްފައިވާ ބޭފުޅެކެވެ.
ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަބީހާއަކީ ޑެސްޓިނޭޝަން މާކެޓިން، ލަގްޒަރީ ރިސޯޓް، ސޭލްސް އަދި ވިޔަފާރި ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، ވީއެމްސީގައި އޭނާ ވަނީ ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގެ މުހިންމު ދާއިރާތައް ކަމަށްވާ ބައިނަލްއަގުވާމީ ކެމްޕޭންތަކާއި، ޓްރޭޑް ހަރަކާތްތަކުގެ އިތުރުން ބްރޭންޑް މެނޭޖްމަންޓް ބަލަހައްޓަވާފައެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ މަގާމު ވަރުގަދަކުރުމަށްޓަކައި ސްޓްރެޓީޖިކް ޕާޓްނާޝިޕްތައް ގާއިމުކުރުމާއި ވިޔަފާރި ފުޅާކުރުމަށް ވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ވީއެމްސީއާ ގުޅިވަޑައިގަތުމުގެ ކުރިން ސަބީހާ ވަނީ ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިލްޓަން ހޮޓެލްސް އެންޑް ރިސޯޓްސް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، އެކޯ އަދި ޖުމެއިރާ ގްރޫޕުގައި ވެސް ހިދުމަތް ކުރައްވާފައެވެ. ސަބީހާއަކީ މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ޓޫރިޒަމް މެނޭޖްމަންޓުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.









