ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއްގެ ގޮތުން، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔައިފިއެވެ.
މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާގެ ޝަރަފު ހޯދާފައިވަނީ ގަތަރުގެ ދޯހާ އިން ފުރައިގެން ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރުކުރި ސްޕެއިންގެ ރައްޔިތެކެވެ. މި މުހިންމު ލަނޑުދަނޑި ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ވަރަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ހަފްލާގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އޮނަރަބަލް މުޙައްމަދު އަމީން އާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމް.އޭ.ސީ.އެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދާއި، ޗީފް އިމަރޖެންސީ ސަރވިސް އޮފިސަރ ޢަބްދުﷲ ވަޙީދާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަޞީޙްގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އާއި އެ ކުންފުނީގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އެކި ހިއްސާދާރުންނާއި އެއާލައިން ޕާޓްނަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި ހާއްސަ މުނާސަބަތުގައި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އާއި ދާއިރާގެ އެކި ބައިވެރިންގެ ފަރާތުން ހަނދާނީ ހަދިޔާތަކެއް ވަނީ އަރުވާފައެވެ. މިއީ ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަމާއި، ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތާ ދެމެދު އޮތް ބަދަހި ގުޅުން ދުނިޔެއަށް ރަމްޒުކޮށްދިން ކަމެކެވެ.
ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރަމުން، އެމް.އޭ.ސީ.އެލް އިން ބުނީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ރާއްޖެ އަންނަ ފަސިންޖަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ މިހާރަށްވުރެ ފުރިހަމަކުރުމަށް އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށެވެ.
މި ބޮޑު ކާމިޔާބީ ހާސިލުކުރުމުގައި އެހީތެރިވެދިން ޓޫރިޒަމް މިނިސްޓްރީއާއި، ވިޒިޓް މޯލްޑިވްސްގެ އިތުރުން، އެއާލައިންތަކާއި، ސަރުކާރުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށާއި، ރިސޯޓްތަކާއި އެއާޕޯޓުގެ ހުރިހާ ހިއްސާދާރުންނަށް އެމް.އޭ.ސީ.އެލް އިން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.









