ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިޔުޓީއޭ) ގެ ސަރަހައްދީ ބޮޑު ގާލާ ހަފްލާ، 10 އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބާކީ އޮތީ ދުވަސްކޮޅެކެވެ.
ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) އާއި ޑަބްލިޔުޓީއޭއާ ދެމެދު ވެފައިވާ ރަސްމީ އެއްބަސްވުމުގެ ދަށުން، މިއަހަރުގެ "އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ ސެރެމަނީ" ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް ބާއްވާ މި ހަފްލާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ބޮޑު ރަސްމިއްޔާތަށް ރާއްޖެއިން މިހާރު ވަމުންދަނީ ބޮޑެތި ތައްޔާރީތަކެކެވެ. މި ހަފްލާގައި ބައިވެރިވުމަށްޓަކައި އޭޝިއާ އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި، ބައިނަލްއަގުވާމީ އެއާލައިންތަކުގެ ސީއީއޯއިންނާއި، ދުނިޔޭގެ މަގްބޫލު ރިސޯޓްތަކުގެ އިސްވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ވީއައިޕީ މެހެމާނުން ރާއްޖެއަށް ޒިޔާރަތްކުރާނެއެވެ. އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، މި އިވެންޓަކީ ރާއްޖޭގެ މަތީ ފަންތީގެ މެހެމާންދާރީއާއި ސަގާފަތް ދުނިޔޭގެ އެންމެ ބޮޑެތި ހިއްސާދާރުންގެ ކުރިމަތީގައި ދައްކާލުމަށް ލިބޭ ރަން ފުރުސަތެކެވެ.
މި ހަފްލާއަށް މިއަދު ވަނީ މުހިންމު މަރުހަލާއެއް ނިމިފައެވެ. އެއީ މި ފަހަރުގެ އެވޯޑުގައި ރާއްޖޭގެ ފަރާތުން ނޮމިނޭޓްވެފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަދި މާމަހި އެގްޒެކެޓިވް ލައުންޖަށް ވޯޓުލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވެ، ވޯޓުލުން ބަންދުވުމެވެ. ސިއްރު ވޯޓިންގް ނިޒާމެއްގެ ދަށުން ކުރިއަށްދިޔަ މި ވޯޓުލުމުގެ ފައިނަލް ނަތީޖާ އެނގިގެންދާނީ ކްރޮސްރޯޑްސްގައި ބޭއްވޭ މި ގާލާ ހަފްލާގެ ތެރެއިންނެވެ.









