"ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރު ފަޅުތެރެއިން ދޫކޮށްފައިވާ ގޯތިތައް، ބިން ހިއްކޭ ވަރަކަށް އެ ގޯތިތަކުގެ ވެރިފަރާތްތަކާ ހަވާލުކުރަމުންދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. މިކަން ވަޒީރު ހާމަކުރެއްވީ، "އަހާ" ފޯރަމުގެ ހަވަނަ އެޑިޝަނުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެޑްވާންސްގެ ގޮތުގައި ކުރީ ސަރުކާރުން ދެފަހަރެއްގެ މަތިން 20 މިލިޔަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނާއެކު އޭރު އެއްބަސްވުން ހަދާފައި އޮތް ގޮތުންނާއި އެޑްވާންސް ޕޭމަންޓު ދީފައި އޮތުމުން، އިތުރަށް ކޮށްފައި ހުރީ ކޮން މަސައްކަތެއްކަން މި ސަރުކާރަށް ނޭނގި ފައިސާ ހޯދަން ޑިމާންޑުކުރަން ފެށި ކަމަށެވެ. މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މި ސަރުކާރުން ވެސް 15 މިލިޔަން ޑޮލަރު އެފަރާތަށް ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ވަޒީރު ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓަރުން ޑިމާންޑުކުރީ ހިއްކާފައި އޮތް މިންވަރަށް ވާވަރަށް ފައިސާ ދިނުމަށެވެ. އަޅުގަނޑުމެން ބެލި ބެލުމުން އެތާނގައި ހިއްކާފައި އޮތީ 20 މިލިޔަން ޑޮލަރަށްވާ ވަރަށް ކަމަށާއި، އެހެންނަމަވެސް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 20 މިލިޔަން ޑޮލަރު ދީފައި އޮތުމުން، އިތުރަށް 15 މިލިޔަން ޑޮލަރު ދިނަސް މަސައްކަތް ކުރާކަށް އެފަރާތުން ބޭނުމެއް ނުވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އެއްބަސްވުން އުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެގްރީމެންޓު ހަދާފައި އޮތީ އެ ކުންފުންޏާއި މޯލްޑިވްސް ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަނާ ދެމެދުގައި ކަމަށް ވާތީ، މި އެއްބަސްވުން އުވާލުމަށް ޓަކައި އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އެފަރާތާއެކު ވެފައިވާ އެގްރީމެންޓު ބާތިލު ކުރެވުނުހާ އަވަހަކަށް ގިރާވަރުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދެވޭތޯ ކަމަށެވެ. އަދި ބިން ހިއްކެންދެން މަޑުކޮށްގެން ހުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެ، މިހާރު ވުޒާރާގެ ތެރެއިން ލޭންޑްޔޫސް ޕްލޭނަށް ބަދަލުތައް ގެނެސް، ތަނަވަސް ގޮތެއްގައި އާ ލޭންޑްޔޫސް ޕްލޭނެއް ހަދަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ މަސައްކަތް ނިމުނުހާ އަވަހަކަށް ގިރާވަރުން ގޯތި ލިބިފައިވާ ފަރާތްތަކާ މަޝްވަރާކޮށް، އެއްބަސްވާކަމުގައިވާނަމަ، ގުރުއަތު ނަގައިގެން އެފަރާތްތަކަށް ލިބޭތަން ކަނޑައެޅުމަށްފަހު، މިހާރުވެސް ހިއްކިފައި އޮތް 60 ހެކްޓަރުވަރުގެ ބިމުން ގޯތި ހިއްކިފައި ހުރި ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ބިން ހިއްކެންދެން ގޯތިނުދީ ތިބުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި، ހުޅުމާލޭ ފޭސް ތިނެއް އަދި ގިރާވަރުން ބިން ހިއްކޭ ވަރަކުން ގޯތި ދެމުންދިޔުމަކީ ސަރުކާރުގެ މިހާރުގެ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސާވޭއެއް ހެދުމަށްފަހު ހިއްކިފައި ހުރި ބިމުން ގޯތި ދޫކޮށް ކަނޑަޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވެރިފަރާތުން ބޭނުންވާ ނަމަ އެ ގޯތިތަކުގައި ވަށާފާރު ރޭނުމުގެ ހުއްދަވެސް ދެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.