ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށް ދާނީ ސަރުކާރުގެ ވައުދާ އެއްގޮތަށް މިމަހު ފްލެޓުތައް ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
މިރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ، ފްލެޓުތަކާ ގުޅިގެން ހުށަހެޅި މައްސަލަތަކާއި ޝަކުވާތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެއްވެސް މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ މީހުންގެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
މި މަސައްކަތަށް ދިގު މުއްދަތެއް ހޭދަވަނީ، ހުށައަޅާފައިވާ މައުލޫމާތުގެ ސައްހަކަން ދެނެގަތުމަށް ގިނަ ދުވަސް ބޭނުންވާތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މި މައުލޫމާތުތަކަކީ ސަރުކާރުގެ ކަމާގުޅޭ އެކި މުއައްސަސާތައް މެދުވެރިކޮށް ކަށަވަރުކުރާ މައުލޫމާތަށްވާތީ، އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ގިނަ އަދަދެއްގެ މީހުންނާއެކު ސޮއިކުރުމުގެ މަސައްކަތް ވުޒާރާގެ އޮފީހުގައި ކުރިއަށް ގެންދިއުމަކީ ފަސޭހަ ކަމަކަށް ނުވާތީ، މި މަސައްކަތަށް ހާއްސަ އިންތިޒާމުތަކެއް މިހާރުވެސް ހަމަޖައްސަމުންދާ ކަމަށެވެ. "މި ހުރިހާ މަސައްކަތްތަކާއެކު އަންނަ ހަފްތާގައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ. އެކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެބަ ކުރިއަށްގެންދޭ. ކުރިންވެސް ބުނިގޮތަށް އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިމަހު ކުރިއަށްދާނެ،" ވަޒީރު ވިދާޅުވިއެވެ.
މި ފްލެޓުތަކުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ. މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. ކޮންމެ ކުންފުންޏަކުން ވެސް ކުރިއަށް ގެންދަނީ 2،000 ފްލެޓުގެ މަސައްކަތެވެ.
މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. އެފްޑީސީން ވިދާޅުވީ އާންމުންނަށް ފްލެޓްތައް ހަވާލުކޮށް، މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކޮންމެ އިމާރާތެއްގަައިވެސް އަސާސީ ހިދުމަތްތަައް ލިބޭނެ ކަމަށެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ކުރީ ސަރުކާރު ނިމެން އުޅެނިކޮށް އާންމުކުރި ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފާއާ އެއްގޮތަށް މި ސަރުކާރުން ލިސްޓު ރިވިއުކޮށް މިދިޔަ އެޕްރީލް މަހު އަލުން ލިސްޓެއް ނެރުނެވެ. އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހަކަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހަކަށެވެ. ނަމަވެސް، އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަޒީރު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި، އެކަމަކު ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނި ކުރާނެ ކަމަށެވެ.