އޮޅުހިޔާގެ ޝެލްޓާ ބައި ހިންގާނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 3 ގަޑިއިރު ކުރިން - 14 ޖުލައި 2025 11:30
ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ އޮޅުހިޔާގެ ޝެލްޓާ
ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ އޮޅުހިޔާގެ ޝެލްޓާ
ޚުލާސާ

މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ފުރުސަތު ހުޅުވާލާފައިވަނީ މީގެ ކުރިން ކުރި އިއުލާނެއް ބާތިލްކުރުމަށް ފަހުކަމަށް ވުޒާރާއިން ފާހަގަކުރި.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ގުޅިގެން ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ އޮޅުހިޔާގެ ޝެލްޓާ ބައި ހިންގާނެ ފަރާތެއް ހޯދުމަށް އަލުން އަނެއްކާ ވެސް އިއުލާންކޮށްފިއެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ފުރުސަތު ހުޅުވާލާފައިވަނީ މީގެ ކުރިން ކުރި އިއުލާނެއް ބާތިލްކުރުމަށް ފަހުއެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، ހުޅުމާލޭ ފޭސް ދޭއްގައި އެ ވުޒާރާއިން ގާއިމުކޮށްފައިވާ އެނިމަލް ކެއާ ފެސިލިޓީ (އޮޅުހިޔާ) ގެ ޝެލްޓާ ބައި އެއް އަހަރު ދުވަހަށް ވުޒާރާއާއި ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވުޒާރާއިން ހާމަކުރިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ޖުލައި 16 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ޖުލައި 22، ވާ އަންގާރަ ދުވަހުގެ 13:00 އަށް ވެލާނާގެ 7 ވަނަ ފަންގިފިލާއަށް ހާޒިރުވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، އެ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށް ކަމަށް ވެސް ވުޒާރާއިން ވިދާޅުވިއެވެ.

އޮޅުހިޔާގެ ޝެލްޓާ ބައި މިނިސްޓްރީއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފައިވާއިރު، މި ފެސިލިޓީއާ ގުޅޭ ގޮތުން ދާދިފަހުން ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ މައުލޫމާތު ދެއްވާފައެވެ. އޮޅުހިޔާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، ފެސިލިޓީގެ ރިކަރަންޓު ހަރަދަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ފެސިލިޓީގައި 30 ބުޅާ ގެންގުޅުނު ނަމަވެސް، އެ ފެސިލިޓީގެ ކެޕޭސިޓީއަކީ 2,000 ބުޅާކަމަށެވެ. މިހެންކަމުން، މި ބޮޑު ހަރަދުގައި މި ފެސިލިޓީ ހިންގުމަށް ބައިވެރިވާނެ ފަރާތެއް ހޯދުމަކީ ދިގު މުއްދަތެއްގައި ދިރޭތަކެއްޗަށް ރައްކާތެރިކަމާއެކު ހިދުމަތްދިނުމަށް ވަރަށް މުހިންމު ކަމެއްކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%