ޖަނަވާރުންނަށް ގޯނާކުރުމާއި އިހާނެތިކޮށް ހިތައި މަރާ މީހުންގެ އިތުރުން، އެއްވެސް ބެލެހެއްޓުންތެރިކަމެއް ނެތި މަގުމައްޗަށް ޖަނަވާރު ދޫކުރާ މީހުންނަށް ޖަލަށްލުމާއި ޖޫރިމަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިންޒާރު ދީފިއެވެ.
ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި މަރާލުމުގެ އިތުރުން އެތަކެއްޗަށް އަޅައިނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް އިތުރުވަމުންދާ ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.
ދާދި ފަހުން ތަސްދީގުކުރެވުނު "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު"ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތައް މިހާރު ވަނީ ގާނޫނީ ގޮތުން ކަށަވަރުކޮށްދީފައެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެކުލަވައިލާފައިވާ މި ހައްގުތަކުގެ ތެރޭގައި ހައިހޫނުކަމުން މިންޖުވުމާއި، ބިރުވެރިކަމާއި ވޭނުން ރައްކާތެރިވުމުގެ މިނިވަންކަން ހިމެނެއެވެ.
މިނިސްޓްރީން ބުނީ ޖަނަވާރުންނަކީ ވޭނާއި ބިރު އިހުސާސްކުރެވޭ ފުރާނަ ހުރި މަހުލޫގުންނަށް ވީހިނދު، އެ ތަކެއްޗަށް އޯގާތެރިކޮށް ހިތުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ އަދި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
ގާނޫނުގެ 80 ވަނަ މާއްދާގެ ދަށުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލާ ފަރާތްތައް 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޖަނަވާރުންނަށް އަނިޔާވެރިވާ ފަރާތްތަކާ މެދު ފަސްޖެހުމެއް ނެތި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ ދީފައެވެ.









