"އޮޅުހިޔާ" ފެސިލިޓީގައި މިވަގުތު ޖުމްލަ 258 ބުޅާ

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 25 ޖެނުއަރީ 2026 12:32
މަގުމަތީގައި ބުޅާތައް ހަރަކާތްތެރިވަނީ. / ފޮޓޯ: ޚުލާސާ
މަގުމަތީގައި ބުޅާތައް ހަރަކާތްތެރިވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މާލޭގެމަގުތަކުގައި ބުޅަލުގެ ނަޖިސް ހުންނަ މައްސަލައާއި ބެހޭ ގޮތުން މިނިސްޓްރީން ބުނީ މާލެ ސިޓީގެ މަގުތަކާއި އެހެނިހެން އާންމު ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަކީ މާލެސިޓީ ކައުންސިލްގެ ޒިންމާއެއްކަމަށް.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ "އޮޅުހިޔާ" ޕެޓް ކެއާ ފެސިލިޓީގައި މިހާރު 258 ބުޅާ ބަލަހައްޓަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރީ، މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ހެދުމުންވެސް މަގުތަކުން ބުޅަލާއި ބުޅަލުގެ ނަޖިސް ހުސްނުވާ ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކުރެއްވި ޝަކުވާތަކާ ގުޅިގެންނެވެ.

މޭޔަރު އާޒިމް ވިދާޅުވެފައިވަނީ އޮޅުހިޔާ ފެސިލިޓީގައި މިހާތަނަށް ބަލަހައްޓަމުން ދަނީ އެންމެ 30 ބުޅާ ކަމަށާއި، އެ ބުޅާތަކަށް އެކަނި 30 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ބުޅާތައް މަގުމަތިން ނުނަގާތީ، އެ ފެސިލިޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށްވެސް މޭޔަރު ވަނީ އެދިވަޑައިގެންފަ އެވެ.

މޭޔަރުގެ މި ވާހަކަތަކާ ގުޅިގެން މިނިސްޓްރީން ބުނީ އެ ފެސިލިޓީގައި މިވަގުތު 258 ބުޅާ އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މިދިޔަ މަހު ވިލިމާލެ މަގުމަތިން ނެގި 30 ބުޅާވެސް ހިމެނޭ ކަމަށެވެ.

މަގުމަތީގައި އުޅޭ ހުރިހާ ބުޅަލެއް އެއްފަހަރާ ފެސިލިޓީއަށް ނުނެގޭ ސަބަބު ހާމަކުރްމުން ވުޒާރާއިން ބުނީ، ބުޅާތަކަކީ ތަފާތު ބަލިތައް ހުންނަ އެއްޗެހި ކަމަށްވާތީ، އެ އެއްޗެހި ނެގުމަށްފަހު ވަކި މުއްދަތަކަށް ކަރަންޓީނު ކުރަންޖެހޭ ކަމަށެވެ. އަދި ފެސިލިޓީގެ އެކި ބައިތަކަށް ބުޅާތައް ބަހާލަނީ އެ މުއްދަތު ހަމަވުމުން ކަމަށެވެ.

މީގެ އިތުރުން، މިހާރަށްވުރެ ގިނަ ބުޅާތަކަށް ޖާގަ ދިނުމަށްޓަކައި އޮޅުހިޔާ ފެސިލިޓީ ބޮޑުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މާލޭގެ މަގުތަކުގައި ބުޅަލުގެ ނަޖިސް ހުންނަ މައްސަލައާއި ބެހޭ ގޮތުން މިނިސްޓްރީން ބުނީ މާލެ ސިޓީގެ މަގުތަކާއި އެހެނިހެން އާންމު ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަކީ މާލެ ސިޓީ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުޅުމާލޭގައި މި ފެސިލިޓީ ގާއިމުކުރީ މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%