މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ލިމިޑެޓް (އެމްއެމްޕީއާރުސީ)ގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޑެޓަށް މިއަދު ބަދަލުކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.
އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލުކުރެއްވި އިރު، "ވިޒިޓް މޯލްޑިވްސް"އަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ބޭނުންކުރާ ބްރޭންޑިން އެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީ އުފެއްދެވީ މާޗު، 4، 2010 ގަ އެވެ.
އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރުމަށް ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވާއިދަށް ގެންނަން ނިންމާފައިވާ ބަދަލުތައް ގެންނާނެ އެވެ.
"ވިޒިޓް މޯލްޑިވްސް" ބްރޭންޑިންގެ ލޯގޯއަށް ވެސް ކުޑަ ބަދަލެއް ގެނެސް އެ ކުންފުނިން ވަނީ އެ ލޯގޯ އާންމުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި އެ ކުންފުނީގެ ނަން ކިލަނބުވެފައި ވާތީ، އެ ކުންފުނީގެ ނަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭކަން އެ ކުންފުނިން ވަނީ ކުރިން ވެސް ހާމަކޮށްފަ އެވެ.