މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމާ ހަމަޔަށް!

މުހައްމަދު ޖަމްޝަތު | 6 ގަޑިއިރު ކުރިން - 13 ޖުލައި 2025 15:12
މެމްބަރު ސިނާން. އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވާ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުން---ފޮޓޯ:ރައްޔިތުންގެ މަޖިލިސް
މެމްބަރު ސިނާން. އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވާ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުން---ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ޚުލާސާ

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ ގިނަ ދުވަސް ވެއްޖެ. އޭރު މައްސަލަ ކޯޓުގައި ކުރިޔަށް ނުގޮސް އޮތީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޝަނުގައި ތިބުމުން.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ސ. ހިތަދޫ ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ހިނގި ބަހުސްގެ މައިގަނޑު ސުވާލަކީ ސިނާން ދަރަނި ދެއްކީ ކޯޓުން ކުރި ހުކުމާ އެއްގޮތަށްތޯ ބެލުމެވެ. ސިނާންގެ ވަކީލު ވިދާޅުވި ގޮތުގައި ދަރަނި ދެއްކުމަށް ކޯޓުން ދީފައިވާ ހަ މަސްދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ދަރަނި ދައްކާފައިވެއެވެ. އަދި މި ދަރަނި ދެއްކީ މިފަދަ ހުކުމެއް އޮތްކަން މެމްބަރަށް އެނގުމާ އެކުގައެވެ.

މީގެއިތުރުން، ސިނާންގެ ވަކީލު ފާހަގަކުރެއްވި ގޮތުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައިވަނީ ސިނާންގެ ވަކީލު ހާޒިރު ނުވެވޭނެކަމަށް އަންގާފައި އޮއްވައި، ޣައިރު ހާޒިރުގައެވެ. އަދި މި ހުކުމް ކުރިކަންވެސް ސިނާނަށް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ސިނާނުގެ ގޮނޑި ގެއްލުނު މައްސަލަ ކޯޓަށް ހުށަހެޅި، ގާލިބު ދިފާއީ ވަކީލް އިބްރާހިމް ޝިޔާމް މިއަދު ބޭއްވުނު އަޑުއެހުމުގައި ހާމަކުރެއްވި ގޮތުގައި، ހުކުމް ކުރެވުނު ދުވަހުގެ ޖެހިގެން އައި ދުވަހު ވައިބާ މެދުވެރިކޮށް ސިނާނަށް ހުކުމް ފޮނުވާފައިވެ އެވެ. އަދި އެ މެސެޖް ލިބުނުކަން ސިނާން ޔަގީންކޮށްދެއްވާފައިވާ ކަމަށާއި، މީގެ އިތުރުން ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭންކުން ސިނާނަށް ސިޓީއަކާއި އީމެއިލްއެއް ވެސް ފޮނުވާފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ.

ޝިޔާމް އިތުރަށް ހާމަކުރެއްވި ގޮތުގައި، ސިނާން ފައިސާ ދެއްކެވީ ބޭންކުން ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހުގައެވެ. އެއީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި ހުކުމާ އެއްގޮތަށް ފައިސާ ދެއްކެވުނީ ކަމަށް ބެލެވޭނީ، ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ދެއްކެވުމުން ކަމުގައި ވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.

އެ މައްސަލަ ބެއްލެވުމަށް ސުޕްރީމް ކޯޓުގައި އެކުލަވާލާފައިވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަސް ފަނޑިޔާރުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މި ބެންޗުގެ އިސް ފަނޑިޔާރުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%