ޑިންގީއެއްގައި ގދ. ގައްދޫއިން އެ އަތޮޅު ގަމަށް އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދުގެ ހަށިގަނޑު ގަމަށް ލައްގާފައި އޮއްވާ ފެނިއްޖެއެވެ.
އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އާންމުންގެ ދެމީހަކަށެވެ.
އެ ސަރަޙައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ ގަމު ކޮޅުން ޒަކަރިއްޔާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11:45 ހާއިރު ކަމަށެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ފެށީ ގައްދޫއިން ފުރައިގެން، އެ ދުވަހުގެ މެންދުރު އެނބުރި އަންނާނެ ކަމަށް ބުނި ނަމަވެސް ހަވީރުވީއިރުވެސް އެއްވެސް ޙަބަރެއް ނުވުމުންނެވެ.
ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2,307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3,039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ކުރިން ބުނެފައިވެއެވެ.
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ އިއްޔެ ފެނިފައިވަނީ ކަނޑު އަޑިންނެވެ.
އެމްއެންޑީއެފްއިން ބުނީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ދަތުރުކުރި ޑިންގީ ފެނުނީ ގދ. ގައްދޫ އާއި ގދ. ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރުން އަޑިން ކަމަށެވެ. އެ ޑައިވް ކޮށްފައި ވަނި ސިފައިންނާއި ފުލުހުން ގުޅިގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.









