ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ "ޗައިނާ ފްލެޓް"ތަކުގެ ތެރެއިން ފްލެޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
މި ޙާދިސާގައި އެ ފްލެޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ޙާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ 94 ނަންބަރު ފްލެޓުގެ ދެވަނަ ފަންގިފިލާގެ ތިންވަނަ އެޕާޓްމަންޓުގައި ކަމަށެވެ. އަދި އެ ޙާދިސާއާ ގުޅިގެން އަލިފާން ނިއްވުމަށްޓަކައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ އެޕާޓްމަންޓުގައި ދިރިއުޅެމުން އައީ 11 ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ޙާދިސާގެ ސަބަބުން އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.