ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް އެކުލަވާލާފައިވާ ގައުމީ ދަފްތަރުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 14،400 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން މިދިޔަ ހަފްތާގައި އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް ހާައްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ޖުމްލަ 14،412 މީހުން ވަނީ ރަޖިސްޓްރީކޮށްފައިވެއެވެ. މި ދަފްތަރު އެކުލަވާލާފައިވަނީ އެ ފަރާތްތަކަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަޤްޞަދުގައެވެ.
މި ދަފްތަރުގައި ހިމެނޭ 8 ގިންތީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. މި ބައިން އެކަނިވެސް ޖުމްލަ 4،117 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،818 އަންހެނުންނާއި 2،299 ފިރިހެނުންނެވެ.
މީގެ އިތުރުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދެވަނައަށް އެންމެ ގިނައީ މަލްޓިޕަލް ޑިސްއެބްލިޓީ ހުރެގެން ރަޖިސްޓްރީވެފައިވާ މީހުންނެވެ. މި ބައިން ޖުމްލަ 3،224 މީހުން ހިމެނޭއިރު، އޭގެ ތެރޭގައި 1،134 އަންހެނުންނާއި 2،090 ފިރިހެނުން ހިމެނެއެވެ.
އެހެނިހެން ގިންތިތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު:
- ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރެގެން 1،889 މީހުން (819 އަންހެނުންނާއި 1،070 ފިރިހެނުން)
- ނަފްސާނީ ނުކުޅެދުންތެރިކަން ހުރެގެން 1،793 މީހުން (722 އަންހެނުންނާއި 1،071 ފިރިހެނުން)
- އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 1،745 ފަރާތެއް (922 އަންހެނުންނާއި 823 ފިރިހެނުން)
- ފެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން ޖުމްލަ 1،003 ފަރާތެއް (471 އަންހެނުންނާއި 532 ފިރިހެނުން)
- އޯޓިޒަމް ހުރެގެން ޖުމްލަ 586 ފަރާތެއް (123 އަންހެނުންނާއި 463 ފިރިހެނުން)
- އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން ޖުމްލަ 55 ފަރާތެއް (19 އަންހެނުންނާއި 36 ފިރިހެނުން)
އެގޮތުން މި ދަފްތަރުގައި ހިމެނޭ މައުލޫމާތުގެ އަލީގައި އެ ފަރާތްތަކުގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.






