2026 ވަނަ އަހަރުގެ އޮގަސްޓް މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޖުމްލަ 8,132,665 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. މި މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެކި ތެރަޕީތަކަށް ބޭނުންވެފައިވާ ޖުމްލަ 499 ފަރާތަކަށެވެ.
މި އެހީ ލިބުނު ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އެގޮތުން އެ އުމުރުފުރައިގެ 481 ކުދިންނަށް މި ފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި 18 އަހަރާއި 64 އަހަރާ ދެމެދުގެ 18 ފަރާތަކަށް މި އެހީ ލިބިފައިވާއިރު، 65 އަހަރުން މަތީގެ އެއްވެސް ފަރާތަކަށް އޮގަސްޓް މަހުގައި ހިދުމަތް ދެވިފައި ނުވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަރުވާގެ ބާވަތްތަކަށް ބަލާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބިހޭވިއަރ ތެރަޕީ، އޮކިޕޭޝަނަލް ތެރަޕީ، އަދި ސްޕީޗް ތެރަޕީގެ އިތުރުން އެޑިއުކޭޝަނަލް ތެރަޕީ އަށެވެ. މީގެ އިތުރުން ފިޒިއޯ ތެރަޕީ، ސައިކޯ ތެރަޕީ، އަދި އަރލީ އިންޓަރވެންޝަން ފަދަ ހިދުމަތްތަކަށްވެސް އެންސްޕާގެ އެހީތެރިކަމާއެކު ފައިސާ ހަރަދުކޮށްފައިވެއެވެ.








