މީގެކުރިން އާސަންދަ ސްކީމްގައި ރަޖިސްޓްރީކޮށްފައި ނުވާ ބައެއް ސިއްހީ ހިދުމަތްތަކަށްވެސް، އާސަންދަ އަދި އެންސްޕާގެ ތެރެއިން އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ، ސަރުކާރުން މިހާރު ވަނީ ހިދުމަތްތައް ހަރުދަނާކޮށް އަވަސްކުރުމުގެ ގޮތުން، މީގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ދަށުން ދެމުންދިޔަ އިޖުތިމާޢީ އެހީއާ ގުޅުންހުރި މުހިއްމު ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ. މިގޮތުން މީގެކުރިން އާސަންދައިން ކަވަރު ނުކުރާ ބައެއް ކަހަލަ މެޑިކަލް ތަހުލީލުތަކާއި ޓެސްޓުތައް ހެދުމަށް ކުރިން އެންސްޕާއިން އެހީ ދެމުން ދިޔަ ނަމަވެސް، މިހާރު އެ ހިދުމަތްތައް އާސަންދަ ސްކީމްގެ ތެރެއިން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭން ބޭރަށް ފަރުވާއަށް ފޮނުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، ހެދިފައިވާ އުސޫލުގެ ތެރެއިން މީގެ ކުރިންވެސް ރާއްޖެއިން ފަރުވާ ލިބޭ ބައެއް ހާލަތްތަކުގައި ބޭރަށް މީހުން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ފަރުވާ ކުރެވޭ ހުރިހާ ބައްޔަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ނުފޮނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމުގެ މިސާލެއް ދައްކަވަމުން ޒީނިޔާ ވިދާޅުވީ، މައިބަދައިގެ އޮޕަރޭޝަނެއް ފަދަ ކަމެއް ދެފަހަރު ނުވަތަ ތިން ފަހަރު ކޮށްގެންވެސް ކާމިޔާބު ނުވެ، އެކަމަށް އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި، ޑޮކްޓަރުން އެގޮތަށް ލަފާދެއްވައިފިނަމަ އެއީ ރާއްޖޭގައި ކުރެވެން ހުރި ކަމަކަށް ވީނަމަވެސް އާސަންދައިގެ އެހީގައި ބޭރަށް ފޮނުވާނެ ކަމަށެވެ.
މިހާތަނަށް އާސަންދަ ރިފަރެލް ދެމުން އައީ ހަމައެކަނި ރާއްޖެއިން ނުލިބޭ ފަރުވާތައް ހޯދުމަށް ކަމަށް ވިޔަސް، ސަރުކާރުން ގެނައި މި ބަދަލާއެކު، ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް، ފަރުވާގެ ފެންވަރަށާއި ނަތީޖާއަށް ބަލައި ބޭރަށް ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި ބަދަލަކީ ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލަސްނުވެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.









