ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދެމުންގެންދާ މެޑިކަލް ވެލްފެއާގެ ބައެއް މުހިންމު ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން ރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެންސްޕާގެ މެޑިކަލް ވެލްފެއާ ސްކީމްގެ ދަށުން މިހާރު ދެމުންގެންދާ ބައެއް ޚިދުމަތްތައް، 1 ޖޫން 2026 އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ބަދަލަކީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގެނެވޭ ބަދަލެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

އާސަންދައިގެ ދަށަށް ބަދަލުކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

  1. ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން.
  2. ކެންސަރު ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން.
  3. ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނުހިމެނޭ ބޭސް ހޯދުމަށް އެހީވުން.
  4. ރާއްޖެއިން ނުލިބޭ ބޭހާއި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ.
  5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާކުރުމަށް ބޭނުންވާ ފަރާތްތަކަށް ދެވޭ އިތުރު ޓިކެޓް.
  6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްޙީ ކަންކަމަށް ދެވޭ އެހީ.
  7. ޕަބްލިކް ހޮސްޕިޓަލްތަކުންނާއި އާސަންދައިން ކަވަރު ނުކުރާ ޓެސްޓްތަކަށް ދެވޭ އެހީ.
  8. ފަރުވާއަށް ބޭނުންވާ އާލަތްތަކާއި (މެޑިކަލް ކޮންސިއުމަބަލްސް އަދި އެސިސްޓިވް ޑިވައިސަސް) ފަދަ ތަކެއްޗަށް ދެވޭ އެހީ.
  9. ބޭރުން ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީ.
  10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ހަދަންޖެހޭ ފޮލޯއަޕްތަކަށް އެހީވުން.
  11. އަމިއްލަ ޚަރަދުގައި ބޭރަށް ފަރުވާއަށް ދިއުމަށްފަހު ދިމާވާ ދަތިތަކަށް ދެވޭ އެހީ.
  12. ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުމާއި، ހޮސްޕިޓަލް ބަދަލުކުރުމުގެ ކަންކަން.
  13. 'މެރަނަ' ސްކީމުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އިމަޖެންސީ ހާލަތްތަކުގައި ކަވަރޭޖް ބޮޑުކޮށްދިނުން.

މީގެ އިތުރުން، ރަށަކުން ފޯމު ފުރައިދޭ ޑޮކްޓަރަކީ ޚާއްޞަ ޑޮކްޓަރަކަށް ނުވުމުގެ ސަބަބުން އިތުރު އޮޕީނިއަން ހޯދަންޖެހި ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމާއި، ވެލްފެއާ ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ލިމިޓްތައް ރީކޮންސިޑަރޭޝަން ކޮމިޓީ މެދުވެރިކޮށް އިތުރުކޮށްދިނުމުގެ ޚިދުމަތްވެސް ދެން ކުރިއަށްދާނީ އާސަންދައިގެ ދަށުންނެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 1400 ނުވަތަ 1402 ނަންބަރު ފޯނާ ގުޅުއްވުމަށް އެދޭ ކަމަށެވެ.