ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު މައްޗަށް

އާނާ ފަހީމް | 17 ގަޑިއިރު ކުރިން - 12 ޖުލައި 2025 20:56
ބީއެމްއެލްއިން ޚާއްސަ އެހީ ބޭނުންވާމީހުންނަށް އެހީތެރިވުމަށް 33 މޮޓަރައިޒްޑް ވީލްޗެއަރ ހަދިޔާކުރަން/ ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން ޚާއްސަ އެހީ ބޭނުންވާމީހުންނަށް އެހީތެރިވުމަށް 33 މޮޓަރައިޒްޑް ވީލްޗެއަރ ހަދިޔާކުރަން/ ފޮޓޯ: ބީއެމްއެލް
ޚުލާސާ

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ 14,412 ފަރުދުން ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަން ފާހަގަކުރެވޭ. މިއީ، ކުރީގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ފާހަގަކުރެވޭ މިންވަރެއްގެ އިތުރުވުމެއް.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،412 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މިއީ މީގެ ކުރިއާ އަޅާ ބަލާއިރު އިތުރުވެފައިވާ އަދަދެއްކަން ފާހަގަކުރެވެއެވެ. މި އަދަދުތަކުން އެނގޭ ގޮތުގައި، މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ބާކީކޮށްލެވޭ ބައެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ މީހުންނަށް ހަމަހަމަ ފުރުސަތުތަކާއި ފަހި، އުފާވެރި މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިހާރު ވެސް އެފަދަ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަން ފާހަގަކުރެވެ އެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 14412 މީހުންގެ ތެރޭގައި ޖުމްލަ އަށް ގިންތިއެއް ހިމެނެއެވެ. އެއީ:

  1. ޖިސްމާނީ ނުކުޅެދުންތެރިކަން: ޖުމްލަ 4117 މީހުން (1818 އަންހެނުން، 2299 ފިރިހެނުން)
  2. މަލްޓިޕަލް ޑިސްއެބްލިޓީ: ޖުމްލަ 3224 މީހުން (1134 އަންހެނުން، 2090 ފިރިހެނުން)
  3. ސިކުނޑީގެ ނުކުޅެދުންތެރިކަން: ޖުމްލަ 1889 މީހުން (819 އަންހެނުން، 1070 ފިރިހެނުން)
  4. ނަފްސާނީ ނުކުޅެދުންތެރިކަން: ޖުމްލަ 1793 މީހުން (722 އަންހެނުން، 1071 ފިރިހެނުން)
  5. އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން: ޖުމްލަ 1745 ފަރާތް (922 އަންހެނުން، 823 ފިރިހެނުން)
  6. ފެނުމުގެ ނުކުޅެދުންތެރިކަން: ޖުމްލަ 1003 ފަރާތް (471 އަންހެނުން، 532 ފިރިހެނުން)
  7. އޯޓިޒަމް: ޖުމްލަ 586 ފަރާތް (123 އަންހެނުން، 463 ފިރިހެނުން)
  8. އުނގެނުމުގެ ނުކުޅެދުންތެރިކަން: ޖުމްލަ 55 ފަރާތް (19 އަންހެނުން، 36 ފިރިހެނުން)

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން އެންމެ އެދެވޭ ގޮތުގައި ދިނުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމުގެ ގޮތުން "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު" އެކުލަވާލާ، އެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މީގެ އިތުރުން، މި ދަފްތަރުގައި ހިމެނޭ މައުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވަމުންދާކަން ވަނީ ހާމަކުރައްވާފަ އެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި އެހީތެރިކަން ހަމަހަމަކަމާއެކު، އިންސާފުން ފޯރުކޮށްދިނުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%