ހުޅުމާލޭގައި ކަފިހުރަހަކުން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބަގީޗާ ހިނގުމުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓް މެންދުރުފަހު 2:16 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ސައިކަލު ދުއްވީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެ އެވެ.
ބަންގުލަދޭޝްގެ ފިރިހެން މީހާ ދުއްވި ސައިކަލު ފުލުހުން މިހާރު ވަނީ ޓޯކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.