އަހަރުތަކެއް ފަހުން ޒަމާނީ އިސްލާމީ ކުތުބުހާނާ ހުޅުވައިފި

އަައިޝަތު ޒީނާ | 16 ގަޑިއިރު ކުރިން - 12 ޖުލައި 2025 21:42
ސަލްމާން ރަސްގެފާނު މިސްކިތުގައި ހުޅުވި އިސްލާމީ ކުތުބުޚާނާ. / ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ސަލްމާން ރަސްގެފާނު މިސްކިތުގައި ހުޅުވި އިސްލާމީ ކުތުބުޚާނާ. / ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ޚުލާސާ

މި އިސްލާމީ ކުތުބުހާނާ ވެގެންދާނީ އިސްލާމީ އިލްމު ހާސިލުކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނަކަށް ކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައި.

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުހާނާ މިރޭ ހުޅުވައިފިއެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކުތުބުހާނާ ހުޅުއްވައިދެއްވީ ދިވެހި ބަހާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެވެ.

ދިވެހި ބަހާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އިސްލާމީ ކުތުޚާނާ ރަސްމީކޮށް ހުޅުވައިދެއްވަނީ. / ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައި ތަރައްގީކޮށްފައިވާ އިސްލާމީ ކުތުބުހާނާ ހުޅުވާފައިވަނީ 15،000 އަށްވުރެ ގިނަ ފޮތާއެކުއެވެ.

މި އިސްލާމީ ކުތުބުހާނާ ވެގެންދާނީ އިސްލާމީ އިލްމު ހާސިލުކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނަކަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގައި ހުޅުވި އިސްލާމީ ކުތުބުހާނާ. / ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާ ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ގާއިމުކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ގައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެ އެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގައި ހުޅުވި އިސްލާމީ ކުތުބުހާނާ. / ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

މިކަމާ ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރު ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރު ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރު ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ގާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެއްގެ ޔުނިވާސިޓީއަކުން ހަމަޖެހިފައިވާ ކަމަށާއި މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އިސްލާމީ ކުތުބުހާނާ ފުރިހަމަކޮށް ހުޅުވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނާއިއެކު ޒުވާނުންގެ ޓީމެއްވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%