ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް، ދަންމަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ކުތުބުހާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ، އެންމެހައި ދިވެހި ރައްޔިތުންނަށް ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މި ޕޯސްޓުގައި، ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް، ދަންމަރެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ޝުކުރު ދަންނަވާފައިވެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާ ގުޅިގެން ރާއްޖޭގެ އިސްލާމީ ލައިބްރަރީ މިރޭ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ލައިބްރަރީ ހުޅުވަނީ ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައެވެ.









