1990 ގެ އަހަރުތަކުގައި މުޅި ދުނިޔެ ބަލަމުން ދިޔައީ 2.2 މިލިއަން ރައްޔިތުން ތިބި ބޮސްނިއާގެ މުސްލިމުންނާއި ދޭތެރޭ ހިންގަމުންދިޔަ ޤަތުލުޢާންމެވެ. މިއީ ޔޫރަޕްގެ ތެރެއިން މުސްލިމުންގެ ބާރު ކަނޑުވައިލުމަށް ހިންގި މާސްޓަރ ޕްލޭނުގެ ތެރެއިން ހިންގާފައިވާ ޖަރީމާއެކެވެ. ފުރަތަމަ ބޮޑުހަނގުރާމައަށް ފަހު އުފައްދައްދިން ޔޫގޮސްލާވިއާއަކީ އޭގެ ކުރިން އުސްމާނީ ޚިލާފަތުގައި މުސްލިމުންގެ ބިމެކެވެ. މުސްލިމުންގެ މިލްކެކެވެ. އެ ޚިލާފަތުގެ ވެރިރަށް އިސްތަންބޫލުން ފެށިގެން މިހާރު އެ ފެންނަ ގްރީސް، ބަލްގޭރިއާ، އުތުރު މެސެޑޯނިއާ، އަލްބޭނިއާ، ކޮސޯވޯ، ބޮސްނިއާ އެންޑް ހެޒްގޮވީނާ، ސާބިއާ އަދި މޮންޓެނީގްރޯ އަކީ މުސްލިމުންގެ ތަރިކައެކެވެ. މީގެ ކުރިޔަށް ދާކަށް ނެތީމެވެ.
ނަޞާރާ ޞާބުން ނުކުމެ މުސްލިމުންގެ ކަރު ބުރިކޮށް ޖަނަވާރުންނަށް ކާންދީ ހިންގި ބޮޑު ޤަތުލުޢާންމު
ބޮސްނިއާގެ ޤަތުލުޢާންމުގެ ހަނދާނުގައި 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުބަހު ބޭއްވި އިވެންޓެއް: 1992 އިން 1995 އަށް ބޮސްނިއާގެ މުސްލިމުންނާއި ދެކޮޅަށް ހިންގި ޤަތުލުޢާންމުގައި 1 ލައްކައަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލި. އެތައް ބައެއްގެ ގުނަވަންތައް ބުރިކޮށް ޖަނަވާރުންނަށް ކާންދިން.
1992 އާއި 1995 އާ ދެމެދު ޔޫގޮސްލާވިއާ ރޫޅިގެން އައުމަށްފަހު ހިނގީ ބަޔާންކުރަން ދަތި، ބިރުވެރި ހަނގުރާމައެކެވެ. 100،000 އެއްހާ މުސްލިމުން ޝަހީދުކޮށްލިއެވެ. މި ހަނގުރާމައިގައި ފުރާނަ ގެއްލުނު މީހުންގެތެރެއިން ގާތްގަނޑަކަށް %80 މީހުންނަކީ މުސްލިމުންނެވެ. ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މަޖުބޫރުން ގެދޮރުން ބޭރުކޮށްލިއެވެ.
އެންމެ ބިރުވެރި ބާބު އައީ 1995 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ބޮސްނިއާގެ ސާބް ސިފައިން (ނަޞާރާ ސާބުން) ނުކުމެ ބޮސްނިއާގެ މުސްލިމުންގެ ގަޔަށް ބަޑި ޖަހައި، ވަޅި ޖަހައި، ކަރާއި އަތްފައި ބުރިކޮށް ޖަނަވާރުންނަށް މުސްލިމުންގެ މަސް ކާންދިނެވެ. މި ޤަތުލުޢާންމުގައި އެމީހުން ބޮމެއް ނާޅައެވެ. ބައެއް މުސްލިމުން ސަފުތަކަށް އަތުރާލާއި ބެހެއްޓުމަށްފަހު އެމީހުންގެ ކަރުތައް ބުރިކޮށް ޝަހީދުކޮށްލީއެވެ. ޔޫރަޕު މީހުން ހިންގި މި ޤަތުލުޢާންމުގައި ބޮސްނިއާ މުސްލިމު ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ޖުމްލަ 8،372 މީހުން ޝަހީދު ކޮށްލިއެވެ. މުސްލިމުންގެ ގެތަކަށް ވަދެ ލޫޓުވައި އަންހެންވެރިން ރޭޕްކޮށްލުމަށްފަހު ޝަހީދުކޮށްލީއެވެ.
ބޮސްނިއާގައި ހިންގި ޤަތުލުޢާންމުގައި ގުނަވަންތައް ބުރިކޮށްލާފައިވާ ބައެއް ހަށިތައް ބޮޑީބޭގުގައި. / ފޮޓޯ: ގެޓީ އިމޭޖަސް
މި ޤަތުލުޢާންމުގައި ބިރުވެރި ކަމަކީ ނަޞާރާ ސާބުން ބޮސްނިއާ މުސްލިމުންގެ ގެތަކުގެ ދޮރު ވައްޓާލައިގެންވެސް އެ ގެތަކަށް ވަންނަނީއެވެ. އަދި މާބަނޑުމީހެއް ނަމަ ބަނޑުގައި ކޮޅުފައިން ޖަހައި ދަރި ވެސް ވައްޓައިލަނީއެވެ. އެއަށްފަހު ދެމައިންވެސް ފޮތިފޮއްޗަށް ކޮށާލައި ޖަނަވާރުންނަށް ކާންދީ ނުވަތަ ގެތަކުގައި ރޯކޮށް މުޅި އަވަށް ވެސް ތަޅައި ސުންނާފަތިކޮށްލިއެވެ. ފޮޗާ، ވިޝެގްރަޑް، ޕްރިޖެޑޯރ ފަދަ ތަންތަން މުޅީން ލޫޓުވައި އެތަންތަނުން މުސްލިމު ޢާއިލާތައް އެކީއެކަށް ފޮހެލިއެވެ. މި ޤަތުލުޢާންމުގެ ކުރިން ބޮސްނިއާގެ އާބާދީއަކީ ގާތްގަނޑަކަށް 4.4 މިލިއަން މީހުންނެވެ. ނަމަވެސް މިއަދު މިލިއަނަކަށްވުރެ ގިނަ މީހުން އެ ބިމުން ނެރެ ދުނިޔޭގެ އެކި ތަންތަނުގައި އެ ރެފިއުޖީން ވިއްސި ވިހާލި ވެއްޖެއެވެ.
މިއަދު ޓާގެޓަކީ ޣައްޒާގެ ބިމެވެ. އެތަނުގައި ތިބި މުސްލިމުން ނެރެ އެ ބިން އަތުލުމަށް އެ ހިންގަނީ ވެސް ބޮސްނިއާގައި ހިންގި ކަހަލަ ޤަތުލުޢާންމެކެވެ. ތަފާތަކީ ޒަމާނީ ހަތިޔާރާއި ފައިޓަޖެޓުތަކާއި ބޮން ބޭނުންކުރުމެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެއަހަރަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ 50،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 22،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް އ.ދ. ގެ އިދާރާތަކުން އެ ދަނީ ބުނަމުންނެވެ. ޣައްޒާ ސިޓީ، ޚާން ޔޫނިސް، ރަފާހް، އަދި ޖަބަލިއާގެ އަވަށްތައް ވަނީ ޒައެނިސްޓުން އެއްގާމާއި ވައިގެ މަގުން ދިނަ ހަމަލާތަކުގައި ސުންނާފަތި ކޮށްލާފައެވެ. ހަމާސްއާއި ގުޅުން ހުރި ބައެއް ނުރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި ޣައްޒާގައި މިހާރުވެސް 100000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.
ޣައްޒާގައި ޒައެނިސްޓުން ޝަހީދުކޮށްލާފައިވާ މުސްލިމުންގެ ހަށިތައް ބޮޑިބޭގިގައި ވަޅުލަނީ / ފޮޓޯ: ނިއުޔޯކްޓައިމްސް.
މިދިޔަ އަހަރުގެ މެއި މަހު ރަފާހުގައި އެއް ދުވަހެއްގެ ތެރޭގައި 400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލިއިރު، ގިނަ ބަޔަކު ޝަހީދުކޮށްލީ ޓެންޓްތަކުގައި ތިއްބާ އަލިފާން ރޯކޮށްލައިގެންނެވެ. ބޮސްނިއާގެ ވިޝެގްރަޑްގައި ވެސް އެތައް ގެއެއްގައި ރޯކޮށް އަންދާލި ފަދައިން ޣައްޒާގައި ވެސް އެހަދަނީ ހަމަ އެހެންނެވެ.
ޣައްޒާގައި އެ ހިންގާ ޤަތުލުޢާންމަކީ ސީދާ ޔަހޫދީ ދީނުގެ މީހުން ހިންގާ ޤަތުލުޢާންމެއް ނޫނެވެ. އެ ޤަތުލުޢާންމު އެ ހިންގަނީ ޒައެނިސްޓުނެވެ. ޒަޔަނިސްޓުންނަކީ ޔަހޫދީ ދީނުގެ މީހުންނަށްވުރެ ނުބައި ބައެކެވެ. އެ މީހުންނަކީ ފަލަސްތީނުގައި ޔަހޫދީންގެ ދައުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރާ ޖަމާޢަތެކެވެ. ސިޔާސީ އެކްޓިވިސްޓުންނެވެ. 1897 ވަނަ އަހަރުން ފެށިގެން ބައިޢަތު ހިފައިގެން އުޅޭ ކްރިސްޓިއަނުންނާއި ހުޅަނގުގެ އެކި ދީންތަކުގެ މީހުންނެވެ. އޭގެ ގިނަ މީހުން ޔަހޫދީންގެ ޡަޤާފަތާއި އަދި ޔަހޫދީންގެ ދީނާއި ދެކޮޅު ހަދައެވެ. އަސްލު ޔަހޫދީން ތަބާވަނީ ތައުރާތަށެވެ. ކޮންމެޔަކަސް، މިދެންނެވި ޒައެނިސްޓުންގެ ތެރޭގައި ޔޫގޮސްލާވިއާ، ކްރޮއޭޝިއާ، އެމެރިކާ، ފުރާންސް، ޕޮލެންޑް މިހެންގޮސް ވަރަށް ގިނަ ޤައުމުތަކުގެ މީހުން އެބަތިއްބެވެ. ނަތަންޔާހޫ އަކީ ވެސް ޕޮލެންޑުގެ މީހެކެވެ. މިދެންނެވި ޒައެނިސްޓުން ޣައްޒާ ޙިޞާރު ކުރުމުގެ ކުރިން އެ ބިމުގައި ގާތްގަނޑަކަށް 2.3 މިލިއަން މުސްލިމުން ދިރިއުޅުނެވެ. މިއަދު 150,000 މީހުންގެ އާބާދީ ފިޔަވައި ދެން ތިބި ހުރިހާ ގެތައް ތަޅާލައި އެންމެން އެތިބީ ވިއްސިވިހާލިވެ ކޭމްޕުތަކަށް އަޅައި އެކަހެރިކޮށް ބިކަކޮށްފައެވެ. ކާނާއާއި ފެނަށް ޖައްސާފައެވެ. އެއްބަޔަކު ބޮންތަކުގެ އަލިފާނުގައި ރޯވެ އަޅިއަށް ހަދާލާއިރު އަނެއްބަޔަކު ޝަހީދުވަނީ ކާނެ އެއްޗެއް، ބޯނެ ފެންފޮދެއް ނުލިބި ބަނޑުހައިހޫނުކަމުގަ އެވެ. ދެން ތިބި ބަޔަކު ނަމަ އެ ޝަހީދުކޮށްލަނީ އެމީހުންގެ މެދުގައި ބަލިތައް ފަތުރައިގެންނެވެ. މިއީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ހިންގާ ކަމެކެވެ.
ޣައްޒާގެ ކުޑަކުއްޖެއް: ކާނެ އެއްޗެއް ބޯނެ ފެންފޮދެއް ނުލިބި ބަނޑުހައިހޫނުކަމުހައި ޣައްޒާގެ ކުޑަކުދިން ދަނީ މަރުވަމުން. މިއީ ޒައެނިސްޓުންގެ ޕްލޭނެއް / ފޮޓޯ: އޭ.އެފް.ޕީ.
“އެމީހުން” ބޮސްނިއާ ވެސް ތަޅައިލީއެވެ. ދުނިޔެ އޮތީ ބަލާށެވެ. އެ ވޭނަކަށް ނިމުމެއް ނ.ެތްކަން މިއަދު ސާބިތުވަނީ ޣައްޒާގެ ބިމުންނެވެ. މައުސޫމް ރައްޔިތުން ރައްކާތެރިކޮށްދޭނަމޭ ބުނެ “އެމީހުން” އުފެއްދި އދ. އެއްގެ މުށުތެރޭގައި އެންމެން ފިތިބާރުވެފައި ތިބިއިރު މާދަމާ ދެން ފުނޑާލާނީ ކޮންތަނެއް ކަމެއްވެސް ނޭނގެއެވެ؟