ޣައްޒާ ސިޓީގެ ކައިރީގައިވާ ސަރަޙައްދަކަށް ޔަހޫދީ އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތަކުން ދިން ބޮމުގެ ވަރުގަދަ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު ޝަހީދުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީގެ ވަށައިގެންވާ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ފޮނުވާލި ބަރު ހަތިޔާރުގެ ހަމަލާތަކެއްގައެވެ. މި ހާދިސާގައި އެ އަންހެން މީހާ ޝަހީދުވުމުގެ އިތުރުން، އެ ސަރަޙައްދުގައި ތިބި އިތުރު ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާއިރު، އާންމުން ދިރިއުޅޭ ގެދޮރަށާއި ރެފިއުޖީ ކޭމްޕުތަކަށް ދެމުންދާ މިފަދަ އަނިޔާވެރި ހަމަލާތަކުގައި ކުށެއްނެތް އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ދަނީ ޝަހީދުވަމުންނެވެ.