އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި ފަލަސްތީނުގެ މަދުވެގެން 6 މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިންނާއި އެއްގަމު މަގުން ދިން މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ އާންމުން ދިރިއުޅޭ ގެދޮރުތަކަށާއި، ރައްކާތެރިކަން ހޯދައިގެން ތިބި ޢާންމު ރައްޔިތުންގެ ކޭމްޕުތަކަށެވެ. މި ޙަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ތެރޭގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް އެ ސަރަޙައްދުގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދެއެވެ.
ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނާ ގޮތުގައި، ޙަމަލާތައް ދިން ސަރަޙައްދުތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ ޢަދަދެއްގެ ބަޔަކު ތާށިވެފައި ތިބުމުގެ ފުރުޞަތު ބޮޑެވެ. އަދި ހޮސްޕިޓަލްތަކަށް ބޭނުންވާ ޒަރޫރީ ސާމާނާއި ބޭސްފަރުވާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވުމުގެ ސަބަބުން، ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.


