ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހިންގި ޢުދުވާނީ ޙަމަލާތަކުގައި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ 5 މުޖާހިދަކު ޝަހީދުކޮށްލެވިފައިވާ ކަމަށް އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޙަމަލާތައް ދީފައިވަނީ ޣައްޒާގައި ހަރަކާތްތެރިވާ އެ ޤައުމުގެ އެއްގަމު ސިފައިންނާއި ވައިގެ ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންތަކެއްގައެވެ. މިގޮތުން، އިސްރާއީލު ސިފައިންނާ ދެކޮޅަށް ރައްދު ޙަމަލާ ދިނުމަށް ތައްޔާރުވަމުންދިޔަ ކަމަށް ބުނާ ފަލަސްޠީނުގެ ހަނގުރާމަވެރިންގެ އަމާޒުތަކަކަށް ޙަމަލާދީފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.
ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން އަބަދުވެސްގެންދަނީ ރަހުމްކުޑަ ޙަމަލާތައް ދެމުންނެވެ. ކުށެއްނެތް އާންމުންނަށް ހަމަލާދީ ޝަހީދުކުރަމުންނެވެ.
ޣައްޒާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އިސްރާއީލުން ހިންގަމުންދާ މިފަދަ އަނިޔާވެރި އޮޕަރޭޝަންތަކުގެ ޝިކާރައަކަށް ގިނައިން ވަމުންދަނީ ކުށެއްނެތް އަންހެނުންނާއި ކުޑަކުދިންނެވެ.




