ޑިންގީއެއްގައި ގދ. ގައްދޫއިން އެ އަތޮޅު ގަމަށް އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު ދަތުރުކުރި ޑިންގީ ކަނޑުގެ އަޑިން ފެނިއްޖެއެވެ. ޒަކަރިއްޔާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެމްއެންޑީއެފްއިން ބުނީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ދަތުރުކުރި ޑިންގީ ފެނުނީ ގދ. ގައްދޫ އާއި ގދ. ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރުން އަޑިން ކަމަށެވެ.
"މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ. ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ވަނީ ފެނިފައި. މިޑައިވް ކޮށްފައި ވަނި ސިފައިންނާއި ފުލުހުން ގުޅިގެން،" އެމްއެންޑީއެފް އިން ބުންޏެވެ.
ނަމަވެސް، ޑިންގީއާއެކު ޒަކަރިއްޔާ ފެނުނު ކަމަށް ސިފައިން ނުބުނެއެވެ.
ފުލުހުން މީގެ ކުރިން ބުނީ ޒަކަރިއްޔާ ގައްދޫން ފުރީ ބުރާސްފަތި ދުވަހު ހެނދުނު ކަމަށާއި، އޭނާގެ ހަބަރެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ އެ ދުވަހު ހަވީރު ކަމަށެވެ.









