ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފަސިންޖަރު ޗެކިން ސިސްޓަމްތަކާއި ބޯޑިން ސިސްޓަމްތަކުގެ ޓެކްނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލް އެއް ކަމަށެވެ.
މި ޓްރަޔަލްތައް ކުރިއަށް ގެންދަނީ އެމްއޭސީއެލްގެ ކަމާބެހޭ ހުރިހާ ޑިޕާޓްމަންޓްތަކާއި ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއާ ގުޅިގެންނެވެ.
އެމްއޭސީއެލް އިން ބުނީ މިދިޔަ ބްރާސްފަތި ދުވަހު ވަނީ މޯލްޑިވިއަންގެ ޑިޕާޗާ ކޮންޓްރޯލް ސިސްޓަމާއި ބެގޭޖް ރިކޮންސިލިއޭޝަން ސިސްޓަމްގެ އިތުރުން ބޯޑިން ޕްރޮސެސްގެ ޓްރަޔަލްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެ ޓްރަޔަލްގައި ޗެކިން ކައުންޓަރުތަކުގައި ފަސިންޖަރުންގެ ކިއު ސިސްޓަމް މެނޭޖުކުރާނެ ގޮތުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔަ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އާ ޓާމިނަލުން ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. އެއަށްފަހު އޮރާޓް ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއްގެ ޚިދުމަތް އާ ޓާމިނަލަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.