ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، މުސްތަގުބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައި، ޒުވާނުންގެ ކަންކަމުގައި ހިއްސާވާ މިންވަރު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގަ އެވެ.
މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭހެން، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދެއްވުމަށް އަދުގެ ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަން، ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.
އަދި ދަރިމައިވުމާއި ގުޅުންހުރި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކައުންސެލިން އާއި ވަށާޖެހޭ ފުރިހަމަ ސިއްހީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުމުގެ މުހިންމުކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.
މީގެ އިތުރުން ދުރު ރާސްތާއަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ގައުމީ ހަގީގަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ގައުމު ތައްޔާރުކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސްގެ މެސެޖުގައި ވަނީ ގޮވާލައްވާފަ އެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ، އެމަނިކުފާނުގެ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ. އެގޮތުން 2062 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރަށްވުރެ ދޮށީ މީހުންނަށް ވާނެކަމަށް އަންދާޒާކުރެވިފައިވާ ކަމަށް ވިދާޅުވެ، އުމުރުގެ ގޮތުން ދޮށީ މުޖުތަމައެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ސަމާލުކަން ދެއްވަމުން ގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.
އާބާދީއާ ގުޅުންހުރި މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީގެ މުހިންމުކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި 11 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އާބާދީގެ ދުވަހުގެ ގޮތުގައެވެ.