ރިހިވެލި ކަނޑުއޮޅި ކައިރިން އަޑިއަށްދިޔަ ބޯޓުގައި ހުރި ސާމާނުތައް އޮޔާދާތީ ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
މާލެއިން ފުރައިގެން ލ. ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް ބޯޓަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވެ، ކ. ރިހިވެލި ކަނޑުއޮޅި ކައިރިއަށް އިއްްޔެ އަޑިއަށްދިޔަ ބޯޓަކީ "އޯޝަން އެކްސްޕްރެސް" ކިޔާ ބޯޓެކެވެ. އެ ބޯޓުގައި ތިބި އެންމެން ސަލާމަތްތެރިކަމާ އެކު ވަނީ މާލެ ގެނެސްފައެވެ.
އެ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.









