ގދ. ގައްދޫއިން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް އިއްޔެ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ގައްދޫ އިން ފުރައިގެން އެރަށް ކައިރީގައި އޮންނަ ގަމަށް އިއްޔެ ޑިންގީއެއްގައި ދަތުރުުކުރަނިކޮށް ގެއްލިފައިވަނީ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ކިޔާ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް އިއްޔެވެސް ކުރިއަށްގެންދިޔަ އެވެެ.
އެމްއެންޑީއެފް އިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދުވެސް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގައިގެން އެމްއެންޑީއެފް އަށް ރިޕޯޓުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން އިއްޔެ މ. އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއްވެސް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ސަލާމަތްތެރިކަމާއެކު ރަށައް ވަދެފައިވާކަމަށް އެ އިދާރާއިން މިއަދު ބުންޏެވެ. .
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްގެން ނޫނީ ކަނޑުމައްޗަށް ނޭރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.









