ޖިނާއީ މައްސަލަތައް ތަހުގީގުކުރުމާއި، އެފަދަ މައްސަލަތަކުގައި ދައުވާކުރުމަށް ދެގައުމު ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކުރާ އެއްބަސްވުމެއް ރާއްޖެއާ ލަންކާއާ ދެމެދު ސޮއިކުރުމަށް ލަންކާގެ ވަޒީރުންގެ މަޖިލީހުން އަނެއްކާވެސް ހުއްދަދީފި އެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ޖިނާއީ މައްސަލަތައް ހައްލުކުރުމަށް ގާނޫނީ އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.
މީގެކުރިން 2022 ވަނަ އަހަރުގައިވެސް މިފަދަ އެއްބަސްވުމަކާ ހަމައަށް އައުމަށް ލަންކާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދިންނަމަވެސް، އިޖުރާއީ ބައެއް ދަތިތަކާ ހުރެ އެއްބަސްވުމުގައި ސޮއިކުރުން ލަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ލަންކާގެ ޖަސްޓިސް މިނިސްޓަރު ހުށަހެޅުއްވި މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ތަހުގީގުކުރުމާއި، އެފަދަ މައްސަލަތަކުގައި ދައުވާކުރުމުގައި ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމެވެ.
މިހާރު ރާއްޖޭގެ ސަރުކާރުން މި އެއްބަސްވުމަށް ފުރިހަމައަށް އެއްބަސްވެފައިވާކަން ހާމަކޮށްފައިވާއިރު، ލަންކާގެ އެޓާނީ ޖެނެރަލްގެ ހުއްދަވެސް ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި އެއްބަސްވުމުގެ ސަބަބުން ދެގައުމުން ވެސް ޖިނާއީ ކުށްތަކާ ދެކޮޅަށް ހިންގާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މުހައްލިލުން ދެކެއެވެ.
"ޓްރީޓީ ބިޓްވީން ދަ ގަވަންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް" ގެ ބޭނުމަކީ، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުން ކަމަށް ރައީސް އޮފީހުން މީގެ ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މި ޓްރީޓީގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި މި ޓްރީޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު މިފަދަ ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ.









