ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
އަސާސީ މުސާރައިގެ ގޮތުގައި މަހަކު 45،700 ރުފިޔާއާއެކު ޖޭއެސްސީން އިއުލާނުކޮށްފައިވަނީ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށެވެ.
ޖޭއެސްސީން ކުރި އިއުލާނުގައި ބުނެފައިވަނީ ފަނޑިޔާރުކަމުގެ މަގާމަށް ހޮވޭ ފަރާތްތަކަށް ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާއާއި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސްވެސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި:
- މުސްލިމަކު ކަމުގައިވުން.
- އުމުރުން 25 އަހަރު ފުރިފައިވުން.
- އިސްލާމީ ޝަރީއާ ނުވަތަ ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- މަދުވެގެން ފަސް އަހަރު ދުވަހުގެ ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުން.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ފަނޑިޔާރުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ޖޭއެސްސީން ބުންޏެވެ.