ދައުވާ ލިބިގަތުމަށް ނުކުޅެދޭކަން މެޑިކަލް އިން ދެއްކުމުން ޖިންސީ ގޯނާގެ ދައުވާ އަނބުރާ ގެންގޮސްފި

އައިޝަތު ޝިފްނާ ހުސައިން | 55 ދުވަސް ކުރިން - 25 އޯގަސްޓް 2025 15:33
ހައިކޯޓު.--ފޮޓޯ:އަވަސް އެމްވީ
ހައިކޯޓު.--ފޮޓޯ:އަވަސް އެމްވީ
ޚުލާސާ

ދައުވާ ލިބުނު މީހާއަށް ބޭނުންވާ ފަރުވާގެ އިންތިޒާމް ހަމަޖައްސަން، އޭނާ އުޅޭ ރަށުގެ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ބުނެފައިވޭ.

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް އުފުލި ދައުވާއެއް ސާބިތުނުވާ ކަމަށް ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ކުރި ހުކުމެއް ދައުލަތުން އިސްތިއުނާފުކުރި ފަހުން އެއީ ދައުވާ ލިބިގަތުމުގެ ކުޅެދުންތެރިކަން ނެތް މީހެއް ކަމަށް މެޑިކަލް އެސެސްމަންޓަކުން ދެއްކުމުން ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ހައި ކޯޓުން އާންމުކޮށްފައިވާ، ދައުވާ ފޯމު ބާތިލްކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދައުލަތުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓަށް މި މަހުގެ ހަ ވަނަ ދުވަހު ސިޓީއެއް ފޮނުވައިފަ އެވެ.

މި ދައުވާއާ ގުޅޭ ހާދިސާ ހިނގީ ރާއްޖޭގެ ދެކުނު ރަށެއްގަ އެވެ. އެކަމަކު ރަށާއި ހުކުމްކުރި ކޯޓާއި މައްސަލަ ރައްދުވާ ފަރާތް ވެސް، މައްސަލައިގެ ބާވަތުން ހައި ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ.

މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީއާ ހަވާލާދީ ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ހާދިސާ ހިނގިތާ ހަ އަހަރު ވެފައި ވާތީ އާއި ހައި ކޯޓުން އަމުރުކޮށްގެން ހެދި މެޑިކަލް އެސެސްމަންޓުން، އެ މީހާ އަކީ ދައުވާ ލިބިގަތުމުގެ ކުޅެދުންތެރިކަން ހުރި މީހެއް ކަމަށް ނުފެންނާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވަނީ ކަމަށެވެ.

ދައުވާ ލިބުނު މީހާއަށް ބޭނުންވާ ފަރުވާގެ އިންތިޒާމް ހަމަޖައްސަން، އޭނާ އުޅޭ ރަށުގެ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ބުނެފައިވާ ކަމަށް އެ ސިޓީގައިވާ ކަމަށް ކޯޓުގެ ރިޕޯޓްގައިވެ އެވެ.

އެގޮތުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އަދި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާގެ އިއްތިފާގުން ވަނީ މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%