ހައި ކޯޓުގެ ފަނޑިޔާރުކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޒް އަބްދުﷲ ޖަމީލް މޫސާ ހުވާކުރައްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޖަމީލްގެ އިތުރުން ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނަމަވެސް އެކަމާ ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން، ޝަރުއީ ދާއިރާއަށް އިތުބާރު އުފެއްދުމަށް ކަމަށްބުނެ ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ނަންގަވާފަ އެވެ.
ޖަމީލަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީގެ މަގާމް އޭނާ ވަނީ އަދާކުރައްވާފަ އެވެ.
ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު ޖަމީލް ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތުވެސް ކުރައްވާފަ އެވެ.
ހައި ކޯޓުގެ ފަނޑީޔާރުކަމަށް ދެބޭފުޅަކު އައްޔަންކުރުމަށް ޖޭއެސްސީން އިއުލާނުކުރީ އެ ކޯޓުގެ ދެ ފަނޑީޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.



