އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވައި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ގޮވާލައިފި އެވެ. މި ގޮވާލުން ގޮވާލާފައިވަނީ ސެނެގާލްގެ ވެރިރަށް ޑާކާރްގައި މިހާރު ކުރިއަށްދާ "ކޮންފަރެންސް އޮން ދަ ކުއެސްޝަން އޮފް ޖެރޫސަލަމް" ގައެވެ.
މި ކޮންފަރެންސްގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ރާއްޖެ ތަމްސީލްކޮށް ބައިވެރިވެވަޑައިގެން ތަގްރީރުކުރައްވަމުން ވިދާޅުވީ އިސްރާއީލުގެ އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރުން މިހާރަށް ދާއިމީކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިކުރަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމަށެވެ.
އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް ސަފީރު ގޮވާލެއްވި އެވެ.
ސަރީރުގެ ވާހަކަފުޅުގައި، އިރުމަތީ ގުދުސްއާއި ހުޅަނގު އައްސޭރި އަދި ޣާޒާގައި މެދުކެނޑުމެއްނެތި ހިނގަމުންދާ ހަމަނުޖެހުންތަކާއި އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާއާމެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ސަރީރް އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތުތައް ސިފަކުރެއްވީ ނިޒާމީ އަދި ފުޅާ ދާއިރާއެއްގައި ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ނެރުމާއި، އެ މީހުންގެ މުދަލާއި ވަސީލަތްތައް އަތުލުމާއި، އަދި އެމީހުންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ކަންތައްތަކެއްގެ ގޮތުގަ އެވެ.
މި ކޮންފަރެންސް ބާއްވާފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ކޮމިޓީ، ސީއައިއާރްޕީޕީ އާއި ގުޅިގެންނެވެ. ސީއައިއާރްޕީޕީ އުފައްދާފައިވަނީ 1975 ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުގެ ގަރާރު ނަންބަރު 3376 އިންނެވެ. މި ކޮމިޓީގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ކަމުގައިވާ ބޭރުގެ ނުފޫޒަކާ ނުލައި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގާއި، މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގާއި، ގައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްގާއި، އަދި ބިމާއި މުދާ އަލުން ހޯދައި ލިބިގަތުމުގެ ހައްގު ލިބިދިނުމަށްޓަކައި ތަންފީޒުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އދ. ގެ އާއްމު މަޖިލީހުން ފާސްކޮށްފައެވެ. އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އދ. ގެ އާއްމު މަޖިލީހަށް ރިޕޯޓު ހުށަހަޅަ އެވެ.
ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމުއިއްޔާގެ މެމްބަރު ގައުމެކެވެ. ރާއްޖެއިން އަބަދުވެސް ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ތާއީދުކޮށް، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ވަކާލާތު ކުރަމުންދެ އެވެ.









