ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ޓެސްޓްކުރުމަށް ފުރަތަމަ ޓްރަޔަލް މިއަދު ބާއްވައިފި އެވެ.
އެމްއޭސީއެލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އާ ޓާމިނަލުގެ އޮޕަރޭޝަނަލް ރެޑިނެސް, އެކްޓިވޭޝަން އެންޑް ޓްރާންސިޝަން މަރުހަލާގެ އިތުރުން އެ ޓާމިނަލުގެ އެއާލައިން ޗެކް-އިން ސިސްޓަމްގެ ފުރަތަމަ ޓްރަޔަލް މިއަދު ބާއްވާ ކަމަށެވެ. އެ ޓްރަޔަލް ބޭއްވީ ގައުމީ އެއާލައިން މޯލްޑިވިއަންއާ އެކުގައި ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
އެކަމަށްޓަކާ އާ ޓާމިނަލުގައި ބޭއްވި ހަފުލާގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވެސް ބައިވެރިވެވަޑައިގަތެވެ.
"މި އާ ޓާމިނަލުން ދަތުރުތައް ފަށާ ފުރަތަމަ އެއާލައިނަކަށް މޯލްޑިވިއަން ވާއިރު, މި ޓްރަޔަލްއާ އެކު ޓާމިނަލްގެ އޮފަރޭޝަންތައް ފެށުމަށް ތައްޔާރުވެފައި އޮތްވަރު ޔަގީންކުރެވޭނެ," އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން މިހާރު އަންނަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުސާބަތާ ދިމާކޮށް މި މަހު 26 ގައި މި ޓާމިނަލް ހުޅުވުމަށް އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.