މެދު ފަންތީގެ ޓޫރިޒަމް ކުރިއެރުވުމަށް އުފެއްދި ސަރުކާރުގެ ކުންފުނި, މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެމްއައިޓީޑީސީ އުވާލަން ސަރުކާރުން އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ނިންމައިފަ އެވެ. އެ ނިންމުމާ އެއްގޮތަށް އެ ކުންފުނި އުވާލުމުގެ މަރުހަލާ ކުރިއަށް ގެންދަން މަޖިލީހުން ވެސް ފާސްކުރީ އެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެމްއައިޓީޑީސީގެ ހާލަތު ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓު, މަޖިލީހުގެ މިއަދު ޖަލްސާގައި ފާސްކުރީ 62 މެމްބަރުންގެ ވޯޓާއެކުގަ އެވެ.
އެ ކުންފުނި އުވާލުމުގެ މަސައްކަތް ނިމުމުން އެކަމުގެ ހާއްސަ ރިޕޯޓެއް އެސްއޯއީ ކޮމިޓީއަށް ހުށަހަޅަން ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގައިފަ އެވެ.
އެމްއައިޓީޑީސީ އުފެއްދީ 2016 ވަނަ އަހަރު އެވެ.
މިހާތަނަށް އެއްވެސް ފައިދާއެއް ނުނެރެވި އޮތް އެ ކުންފުންޏަށް 164 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށާއި އެ ކުންފުނިން ފެށި އެއްވެސް ޕްރޮޖެކްޓެއް ނިންމިފައި ނުވާ ކަމަށް ކުންފުނީގެ އޮޑިޓް ރިޕޯޓުތަކުގައި ވެސް ވެ އެވެ. އެ ޕްރޮޖެކްޓުތަކަށް މިލިއަނުން ވަނީ ހަރަދުކޮށްފަ އެވެ.