މާލޭގެ ޖުމްހޫރީ މައިދާނުގެ ކުލަ އާކުރުމަށް ބަޔަކު ހޯދަން ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ޖުމްހޫރީ މައިދާން ކުލަލައި އާކުރުމަށް, އަމިއްލަ ތަކެތި ބޭނުންކޮށްގެން އެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އިއުލާނުގައި ބުނީ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ އާދިއްތަ ދުވަހު 14:00 ގައި މިނިސްޓްރީގައި ކަމަށެވެ.
މިނިސްޓްރީން ޖުމްހޫރީ މައިދާނުގެ ކުލަ އާކުރަން ނިންމާފައިވާއިރު މި މަހު 26 ގައި ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.