މިފްކޯއިން 125 ދޯންޏަކަށް އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ މި ފައިސާއަކީ މިމަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހުގެ އަގަށްވާ ފައިސާ ކަމަށެވެ.
މިފްކޯއިން މި މަހުގެ ހަވަނަ ދުވަހު 50 ދޯންޏަށް 3،644،222 (ތިން މިލިއަން ހަ ލައްކަ ސާޅީސް ހަތަރުހާސް ދުއިސައްތަ ބާވީސް) ރުފިޔާ ދީފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އަދި މިމަހުގެ ހަތްވަނަ ދުވަހު 75 ދޯންޏަކަށް 5،156،362 (ފަސްމިލިއަން އެއްލައްކަ ފަންސާސް ހަ ހާސް ތިންސަތޭކަ ފަސްދޮޅަސް ދޭއް) ރުފިޔާ މިފްކޯއިން ދީފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްގީ މިސަރުކާރުން އަންނަނީ ގެނެސް ދެމުން ކަން ވުޒާރާއިން ފާހަގަކުރިއެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތަކަށް މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ވުޒާރާއިން ފާހަގަކުރިއެވެ.
ރައީސްގެ ވައުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރުދަނީ ފައިސާ ދޫކުރަމުންނެވެ. މިއާއެކު މަސްވެރިކަމަށް ނިކުންނަ ދޯނިތައް ވަނީ އިތުރުވެފައެވެ. އަދި މަސްވެރިކަމަށް ނިކުންނަ ޒުވާނުންވެސް އަންނަނީ އިތުރުވަމުންނެވެ.