ތެލަސީމިއާ ކުދިން ސްކްރީންކޮށް ބޭނުންވާ އެހެނިހެން ފަރުވާ ދިނުމުގައި މިހާރު ރާއްޖޭގައި ޔޫރަޕުގެ ޑޮކްޓަރުން ހަރަކާތްތެރިވަމުންދާ ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ. މިކަމުގެ ސަބަބުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ލިބޭ ފަރުވާގެ ފެންވަރު ރަނގަޅުވެ، ހިދުމަތްތައް ފަސޭހަވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އެންޑޯކްރައިނޮލޮޖީގެ ފަރުވާގެ ހިދުމަތް ދިނުމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ތަފްސީލް ހާމަކުރައްވަމުން ހަލީމް ވިދާޅުވީ، ތެލެސީމިއާ ހުންނަ ފަރާތަކަށް ދެވޭ ހިދުމަތަކީ ހަމައެކަނި ލޭ އެޅުމެއް ނޫން ކަމަށާއި އެކުދިން ހެދިބޮޑުވެގެން އަންނައިރު އެއާއި ގުޅިގެން އަންނަ އެހެން ކަންކަންވެސް އެބަހުރި ކަމަށެވެ. އެގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓަށް ދާ ބޭފުޅުންނަށް ބޭނުންވާ ސްކްރީނިން އާއި ހުރިހާ ކަމެއް ޔޫރަޕުގެ ޑޮކްޓަރުން ރާއްޖެ ގެނެސް ހިދުމަތްތައް އިތުރަށް ފަހިކޮށްދީފައިވާކަން ހަލީމް ފާހަގަކުރެއްވިއެވެ.
ހަލީމް ވިދާޅުވީ، ކުރިން ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގައި ދަތިތަކެއް ހުރި ނަމަވެސް، މިހާރު އެކަންކަން ފަސޭހަވެފައިވާ ކަމަށެވެ. "ދަތިތަކެއް ދިމާވެފައިވަނީ ކުރީގައި ސްޕެޝަލިސްޓުން، ޑޮކްޓަރުންނަށް ދެއްކުމުގެ އުދަގޫތައް. އެކަންކަމުގައިވެސް ފަސޭހަތަކެއް މިވަނީ ގާއިމުކޮށްދެވިފައި. މިހާރު ގާތްގަނޑަކަށް ދެހަފްތާއެއްހާ މުއްދަތުގެ ތެރޭގައި ތެލަސީމިއާ ބަލި ހުންނަ ފަރާތްތަކަށް ސްޕެޝަލިސްޓުން ބޭނުންވެއްޖެ ހާލަތެއްގައި ޑޮކްޓަރަށް ދެއްކޭނެ ހާލަތު މިވަނީ ފަހިކޮށްދީފައި. ހަމައެއާއެކީގައި އަޅުގަނޑުމެން ބޯންމެރޯ ޓްރާންސްޕްލާންޓަށް ދާ ބޭފުޅުންނަށް ބޭނުންވާ ސްކްރީނިން އާއި ހުރިހާ ކަމެއް ފަހިކޮށްދީ، މިކަންކަމަށް އަވަހަށް ފިޔަޅު އެޅުމަށްޓަކައި އެންޑޯކްރައިނޮލޮޖީގެ ނުވަތަ އެތެރެ ހަށީގެ ނުވަތަ އެހެން ބަލިތަކުގެވެސް، އަޅުގަނޑުމެންގެ ހޮސްޕިޓަލުގެ ތެރެއިން އެކުދިން ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ފެށިފައި،" ހަލީމް ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް މި ސަރުކާރުން އިތުރަށް ފުޅާކޮށްފައިވާކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ހާއްސަ ސްޕެޝަލިސްޓު ޑޮކްޓަރުން ބެލެރޫސްއިން ވަޑައިގެން ރާއްޖޭގައި ހިދުމަތް ދެމުންދާ ކަމަށާއި، ސްކްރީނިން މަރުހަލާތައްވެސް ކުރިޔަށްވުރެ މިހާރު ފަސޭހައިން އެކަން ކުރެވޭ ގޮތަށް ފަހިކޮށްދީފައިވާ ކަމަށެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިކަންކުރަނީ މޯލްޑިވްސް ބެލެރޫސް ކަލްޗުރަލް ސެންޓަރާ ގުޅިގެންނެވެ.
"މިހާރު އަޅުގަނޑުމެން ކުރިޔަށް ގެންދާ މަސައްކަތްތަކަކީ، މޯލްޑިވްސް ބެލެރޫސް އާއި ކަލްޗުރަލް ސެންޓާއާ ގުޅިގެން ޔޫރަޕުގެ ޑޮކްޓަރުން، ބެލެރޫސްގެ ޑޮކްޓަރުން މިކޮޅަށް، އެކަމުގެ ސްޕެޝަލިސްޓުން ވަޑައިގެން އެކުދިން ސްކްރީން ކުރުމާއި އެކުދިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް އެކްޓިވްކޮށް މަސައްކަތްތަކެއް އެބަކުރައްވާ،" ހަލީމް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައި ތިބި ތެލަސީމިއާ ކުދިންނަށްވެސް ސްކްރީނިން މަރުހަލާގައި މި ލުއިތައް ލިބިގެންދާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ބޭހުގެ ސްޓޮކުވެސް ހަމަސް ދުވަހަށް ވާވަރަށް ފޮނުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ސީނިއާ ކޮންސަލްޓެންޓް އޮފް އެންޑްރޯކްރައިނޮލޮޖީ ޑރ. މުހައްމަދު ވިޝާން ވިދާޅުވީ، ތެލެސީމިއާއަކީ ބޮޑު ބައްޔެއް ނޫން ކަމަށާއި ސިއްހީ ދާއިރާގައި ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރެވިއްޖެނަމަ ތެލެސީއާ ކުދިންނަށް ފަރުވާ ދެވޭނެ ކަމަށެވެ. ހުޅުމާލޭގައި ހުޅުވި ތެލެސީމިއާ ސެންޓަރު ފަދަ ތަންތަނުން މި ހިދުމަތްތައް ފަހިވެފައިވާކަން ފާހަގަކުރެވެއެވެ.