ތެލަސީމިއާ އެލަވަންސަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު ޖަމްޝަތު | 14 ދުވަސް ކުރިން - 1 ޖެނުއަރީ 2026 19:34
ރައީސުލްޖުމްހޫރިއްޔާ ތެލަސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ތެލަސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ ތެލަސީމިއާ ބަލި ހުންނަ ކުދިންނަށް އަލަށް ދެވޭ އެލަވަންސެއް.

ތެލަސީމިއާ ކުދިންނަށް ހާއްސަކޮށްގެން ސަރުކާރުން އަލަށް ދޭން ފަށާ އެލަވަންސަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލަސީމިއާ އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކަށް ކޮންމެ މަހަކުވެސް 2،000 ރުފިޔާ ދިނުމަށް ކަނޑައަޅުއްވާފައެވެ.

ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ދޭން ނިންމަވާފައިވާކަން ރައީސް އިއުލާން ކުރެއްވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއި ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ، މިއެހީތެރިކަން ދިނުމަށްޓަކައި ހާއްސަ ގަވާއިދެއް އެކުލަވާލާފައެވެ.

މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ އެލެވެންސް ދެވޭނީ، ތެލަސީމިއާ އެންޑް އަދަ ހިމޮގްލޮބިނޯޕަތީސް ސެންޓަރުގައި ބަލަހައްޓަމުން އަންނަ ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އޭގެ ތެރެއިން އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކަށް ކޮންމެ މަހަކުވެސް 2،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ ކުދިންނަށް ދައުލަތުން ދޭ މާލީ އެލަވަންސަށް އެދި ހުށައަޅަން ޖެހެއެވެ. އެގޮތުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން އެޕްރޫވް ވުމަށްފަހު ޖެހިގެން އަންނަ މީލާދީ މަހުން ފެށިގެން މިއެލަވަންސް ލިބެމުންދާނެއެވެ. އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކުން އެމީހަކު ދިރިއުޅޭ އެޑްރެހާއި، އީމެއިލް އެޑްރެސް ހިމަނަންޖެހެއެވެ. އެލަވަންސަށް އެދޭ ފަރާތަކީ، 18 އަހަރު ނުފެރޭ ކުއްޖެއްނަމަ ފޯމުގައި ބެލެނިވެރިޔާގެ މައުލޫމާތު ހިމަނަން ޖެހެއެވެ.

ގަވާއިދުގައި ވަނީ، ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފުތަރެއް އެކުލަވާލާ ތެލަސީމިއާ ސެންޓަރުން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. މިދަފްރަތުގައި ތެލަސީމިއާ ކުދިންގެ މައުލޫމާތާއި، ތެލަސީމިއާގެ ބާވަތާއި، ފަރުވާއާއި ގުޅުންހުރި ގިންތިތަކާއި، ތެލަސީމިއާ ކުދިންގެ އުމުރުފުރާތަކާއި، ތެލަސީމިއާ ހާލަތާއި ގުޅިގެން ސިއްހީ ފަރުވާ ހޯދަންޖެހޭ ކަމަށް ސިއްހީ މިންގަނޑަކުން ކަނޑައަޅާ ކުދިންނާއި، އެކުދިންގެ ފަރުވާއާއި ގުޅޭ މުހިންމު ތަފްސީލްތައްވެސް އެނގެންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެލަވަންސް ހުއްޓާލުމަށްފަހު އަލުން ދެވޭނީ އެކަމަށް ހާއްސަ ސިއްހީ މިންގަނޑަކުން ބެލުމަށްފަހު

ގަވާއިދުގައި ވަނީ، އެލަވަންސް ދިނުން ހުއްޓާލާނެ ހާލަތްތަކާއި އަލުން އެލަވަންސް ދޭން ފަށަން ޖެހޭނެ ހާލަތްތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން އެލަވަންސް ނުލިބޭ ހާލަތްތަކުގެ ތެރޭގައި އެލަވަންސް ލިބޭ ކުއްޖާއަކީ، ކަމާ ގުޅޭ ފަހުގެ ސިއްހީ މިންގަނޑަށް ބަލައި ތެލަސީމިއާއަށް އިތުރަށް ފަރުވާކުރަން ނުޖެހޭ ކުއްޖެއް ކަމަށް ތެލަސީމިއާ ސެންޓަރުން ކަނޑައެޅުން ނުވަތަ އެލަވަންސް ލިބެމުން ދިޔަ ކުއްޖާ ނިޔާވުން ހިމެނެއެވެ. އަދި އެލަވަންސް ލިބެމުން ދިޔަ ކުއްޖާ އެލަވަންސް ބޭނުން ނުވާކަން ބަޔާންކޮށް ލިޔުމުން އެދުމުންވެސް އެލަވަންސް ދިނުން ހުއްޓާލާނެއެވެ.

އަލުން އެލަވަންސް ދެވޭނީ، ތެލަސީމިއާ ފަރުވާ ހޯދަމުން ދިޔަ ކުއްޖަކު އާންމު ހާލަތަކަށް އައުމަށްފަހު، ކަމާ ގުޅޭ ސިއްހީ މިންގަނޑަކުން ބަލައި އަލުން ފަރުވާ ކުރަންޖެހޭ ފަދަ ސިއްހީ ހާލަތަކަށް ރުޖޫއަވެފައިވާ ކަމަށް ސެންޓަރުން ކަނޑައެޅުމުންނެވެ.

ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި، މުޖުތަމައުގެ އެހެން މީހުންނެކޭ އެއްފަދައިން އާންމު ދިރިއުޅުމެއް އުޅުމުގެ ފަހި މާހައުލެއް ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން، ސަރުކާރުން ވަނީ ތެލަސީމިއާ ފަރުވާ މާލެ ސަރަހައްދުގައި ފުޅާކޮށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުމާލޭ އޮރެންޖު ހިޔާގައި ހިދުމަތް ދޭން ފަށާފައެވެ. އަދި ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%