31 އަހަރުތެރޭ ފުރަތަމަ ފަހަރަށް ތެލެސީމިއާ ސެންޓަރުން ހުކުރު ދުވަހު ހިދުމަތްދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 10 ގަޑިއިރު ކުރިން - 22 ފެބްރުއަރީ 2026 16:23
ރައިސް މީގެ ކުރިން މާލޭގައި ހުރި ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ފަރާތްތަކުގެ ހާލު ބައްލަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައިސް މީގެ ކުރިން މާލޭގައި ހުރި ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ފަރާތްތަކުގެ ހާލު ބައްލަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރަމަޟާން މަސް ނިމުމުންވެސް ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ލޭ އެޅުމުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި.

ތެލެސީމިއާ ސެންޓަރުގެ 31 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހު އެ ސެންޓަރުގެ ހިދުމަތް ދޭން ފަށައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ad

ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، 1994 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު ތެލެސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި ދިގު މާޒީގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައިގެން ހިދުމަތް ދީފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރުން މިހާރު ގެނައި ބަދަލާއެކު، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގައިވެސް އެ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ބަދަލާއެކު ފުރަތަމަ ހިދުމަތް ދިން ހުކުރު ދުވަހު (20 ފެބްރުއަރީ 2026 ގައި) ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާފައިވާއިރު، 5 ފަރާތަކުން ލޭ ހަދިޔާކޮށްފައިވާ ކަމަށެވެ.

މި ހިދުމަތާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، ރަމަޟާން މަސް ނިމުމުންވެސް ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ލޭ އެޅުމުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

މި ނިންމުމުގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދާ ދިމާކޮށް މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަށް މި ބަދަލުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިއީ ތެލެސީމިއާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ތެލަސީމިއާ ސެންޓަރުގައި ހުރި މައްސަލަތަކަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ވުމުން އެ ސެންޓަރު ކައިރީގައި ނިމިދިޔަ އަހަރު ވަނީ މުޒާހަރާ ކޮށްފަ އެވެ. އެ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖެހިގެން އައި ދުވަހު ސެންޓަރަށް ވަޑައިގެން އެތަނުގެ ހުރިހާ ޑިޕާޓުމަންޓުތަކުގެ ހާލަތު ބައްލަވައި، ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށްޓަވާފަ އެވެ.

އެގޮތުން އެ ސެންޓަރުގެ ބައެއް ވެރިން މަގާމުން ވަކިކޮށް، ތެލެސީމިއާ ސެންޓަރު ހުޅުމާލެ އަށް ބަދަލުކުރައްވަން ނިންމެވި އެވެ. ތެލެސީމިއާ ސެންޓަރުގެ އިމާރާތްކުރުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން އެ މަސައްކަތް ހަވާލުކުރެއްވީ އެމްއެންޑީއެފްއާ އެވެ. އޮރެންޖު ހިޔާގައި ގާއިމްކުރެވުނު އާ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީ މަސްދުވަހެއް ތެރޭ ނިންމައިފަ އެވެ.


Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%