އުކުޅަހު ގްރޭޑް 9 ގެ އިނގިރޭސި ލިސިނިން ޕޭޕަރު އުނިކޮށްލުމުން ބެލެނެވެރިން ރަތަށް!

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 8 ޖުލައި 2025 23:35
އުކުޅަހު ސްކޫލްގެ ބައެއް ޓީޗަރުންނާއި އިސް ވެރިންތަކެއް ބައްދަލުވުމުގައި. (ފައިލް ފޮޓޯ)
އުކުޅަހު ސްކޫލްގެ ބައެއް ޓީޗަރުންނާއި އިސް ވެރިންތަކެއް ބައްދަލުވުމުގައި. (ފައިލް ފޮޓޯ)
ޚުލާސާ

ކުރިން އެންގުމަކާއި ނުލައި އުކުޅަހު ގްރޭޑް 9 ގެ އިނގިރޭސި ލިސިނިންގ ޕޭޕަރު އުނިކުރުމުން ބެލެނިވެރިން ކަންބޮޑުވެއްޖެ. މިކަން ކުރީ ތަޢުލީމީ ވުޒާރާއަށާއި ސްކޫލް މެނޭޖްމެންޓަށްވެސް ނޭނގި.

އަރިއަތޮޅު އުތުރުބުރީ އުކުޅަސް ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރުންގެ އިނގިރޭސި މާއްދާގައި ހިމެނޭ ލިސިނިންގ ޕޭޕަރު، އިމްތިޙާނުން އުނިކުރި މައްސަލައެއް ފެންމަތިވެ، އެރަށު ސްކޫލްގެ ބެލެނެވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

އުކުޅަހުގައި މިކަމެއް ހިންގާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ސްކޫލް މެނޭޖްމަންޓާއި ބެލެނިވެރިންނަށްވެސް ކުރިން އެންގުމަކާއި ނުލައި، އެ ސްކޫލްގެ ކޯޑިނޭޓަރު ރާއްޖެއިން ބޭރުގައި ހުންނެވި ވަގުތެއްގައި އެ ސްކޫލްގެ ސީނިއަރ ޓީޗަރަކާއި ސަބްޖެކްޓް ކިޔަވައިދޭ ޓީޗަރު ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

މިދުވަސްވަރަކީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ޓާމް ޓެސްޓް ހިނގަމުންދާ ދުވަސްވަރެވެ.

އުކުޅަހު ސްކޫލުން ކުރިން ނެރުނު ޓާމް ޓެސްޓުގެ ޓޭބަލް: މި ޓޭބަލްގައި ޖުލައި 7 ގައި ގްރޭޑް 9ގެ ދަރިވަރުންނަށް އިނގިރޭސި ލިސިނިން ޓެސްޓް އޮންނާނެ ކަމަށް ބުނެފައިވޭ. ނަމަވެސް އެގޮތަށް ޢަމަލެއް ނުކުރޭ. މެނޭޖްމެންޓަށް އެކަން ފަޅާއެރީ ޕޭޕަރުތައް ޕްރިންޓް ކޮށްފައި ނެތުމުން.

ސްކޫލް މެނޭޖްމަންޓްގެ ސަމާލުކަމަށް މައްސަލަ އައީ ހޯމަ ދުވަހު އޮތް އިނގިރޭސި އިމްތިޙާނަށް ބޭނުންވާ ލިސިނިންގ ޕޭޕަރ ޕްރިންޓްކޮށްފައި ނެތުމުން ކަމަށާއި، ބެލެނިވެރިންނަށް މިކަން އެނގުނީ މިމަހުގެ 7 ވަނަ ދުވަހު އިނގިރޭސި އިމްތިޙާނު ނިމުނު ފަހުން ވެސް ދަރިވަރުން އިތުރު ކުލާސްތައް ނެގުމަށް ކަމަށް ބުނެ (ލިސިނިންގ ޕްރެކްޓިސްއަށް) ސްކޫލަށް ގެންދިއުމުންނެވެ.

“އިމްތިޙާނު ނިންމާފައި އަނެއްކާވެސް ދަރިވަރުން މިގެންދަނީ ސްކޫލަށް. ދެން މި އަންނަނީ އެހާ ލަހުން. އެހެން މާއްދާ ތަކުގެވެސް ޓެސްޓު އޮންނައިރު އެ މާއްދާތަކަށް ވަގުތެއް ދެވެނީއެއް ނޫން. ލަސްވަނީ ކީއްވެހޭ ބުނީމާ ދަރިވަރުން މި ބުނަނީ އިންގްލިޝް އެކްސްޓްރާ ކުލާހެއް ކުރިޔަށް ދަނީއޭ. ލިސިނިންގ އޭ. ކުރިން ލިސިނިނގް ކުލާސްތައް ނަގައިނުދޭތީވެ، އެ ކުލާސްތައް ނަގަނީއޭ” ބެލެނެވެރިޔަކު ބުންޏެވެ.

އެގްޒާމް ކޯޑިނޭޓަރ ފުރަތަމަ ނެރުނު އެގްޒާމް ޓައިމްޓޭބަލްގައި ލިސިނިންގ ޕޭޕަރ ހިމަނާފައި ވިޔަސް އެއަކަށް ޢަމަލެއް ނުކުރެއެވެ. “… ކުރިން ނެރުނު ޓޭބަލުގައި ލިސިނިން އޮވޭ. ނަމަވެސް ސްކޫލް ދަތުރެއްގައި އެގްޒާމް ކޯޑިނޭޓަރ ރާއްޖެއިން ބޭރުގައި ހުއްޓާ އެހެން ލީޑިންގ ޓީޗަރަކާއި ސަބްޖެކްޓް ޓީޗަރާއި ދެމީހުން ގުޅިގެން މި ކުރި ކަމަކީ އިނގިރޭސި ލިސިނިންގ އުނިކޮށްލާފައި އާ ޓޭބަލެއް ޕްރިންޓް ކޮށްފައި ގްރޭޑް 9 ގެ ދަރިވަރުންނަށް މި ދިނީ. މިއީ އެމީހުން ވަރަށް ވަގަށް ކުރި ކަމެއް”

7 ޖުލައި ގައި އުކުޅަސް ސްކޫލްގައި އޮންނާނެ ކަމަށް އެންގި ގްރޭޑް 9ގެ ލިސެނިންގ ޓެސްޓް ސްކޫލް މެނޭޖްމެންޓަށް ނޭނގި އުނި ކުރުމަށްފަހު ނެރުނު އައު ޓޭބަލް: މިކަން ކޮށްފައި ވަނީ ކޯޑިނޭޓަރު ރާއްޖެއިން ބޭރުގައި އުޅުއްވަނިކޮށް ކަމަށް އެނގިފައިވޭ.

އުޞޫލުގައި އޮންނަ ގޮތުން ޓާމެއްގައި މަދުވެގެން 8 ގަޑިއިރުގެ ލިސިނިންގ ޕްރެކްޓިސް ގެންދަން ޖެހެއެވެ. ނަމަވެސް އުކުޅަހު ސްކޫލުން މުޅި ޓާމުގައި ލިސިނިންގ އެންމެ ޕްރެކްޓިސް އެއް ވެސް ކުރިއަށް ނުގެންދާ ކަމަށާއި، އެ ސަބަބާއި ހުރެ އެގްޒާމުން ޕޭޕަރ އުނިކުރީ ކަމަށް ބެލެނެވެރިޔަކު ކިޔައިދިނެވެ.

ބެލެނިވެރިން ޝަކުވާ ކުރުމުން ސްކޫލުން ބުނެފައިވަނީ ޕޭޕަރ އުނި ކުރީ ޕްރެކްޓިސް ކޮށްދެވިފައި ނުވާތީ ކަމަށެވެ. އަދި، އަލުން ޕްރެކްޓިސް ކޮށްދިނުމަށް ފަހު މިމަހުގެ 16 ވަނަ ދުވަހު އިމްތިޙާން އޮންނާނެ ކަމަަށް ވެސް ސްކޫލުން ބުނި ކަމަށް ބެލެނެވެރިޔަކު ކިޔައިދިނެވެ.

އުކުޅަހު ބެލެނެވެރިންގެ ޝަކުވާތަކާއި ގުޅިގެން މިހާރު އެ ސްކޫލުން ވަނީ އައު ޓޭބަލެއް ނެރެފައެވެ. އަލުން ނެރުނު ޓޭބަލްގައި، މިމަހުގެ 16 ވަނަ ދުވަހު ގްރޭޑް 9 ގެ ކުދިންނަށް އިނގިރޭސި ލިސިނިންގ ޓެސްޓް އޮންނަ ގޮތަށް ހަމަޖެހިފައި ވެއެވެ.

ޝަކުވާ ތަކާއި ގުޅިގެން އުކުޅަހު ސްކޫލުން މިއަދު ނެރުނު އައު ޓޭބަލް: މި ޓޭބަލްގައި، 16 ވަނަ ދުވަހު ގްރޭޑް 9 ގެ ކުދިންނަށް ލިސިނިންގ ޓެސްޓް އޮންނާނެ ކަމަށް ބުނެފައިވޭ.

“ޖުލައި 7 ވަނަ ދުވަހު އޮންނާނެ ކަމަށް ނިންމި އިމްތިޙާނެއް މުދައްރިސް ނަގަންޖެހޭ ގަޑިތައް ހަމަނުވުމުގެ ސަބަަބުން ކެންސަލްކޮށް، އެހެން ޓެސްޓުތައް އޮންނައިރު އެއަށް ޕްރެކްޓިސް ނުކޮށް ދަރިވަރުން ގެންދަން މިޖެހެނީ ސްކޫލަށް. މިހެންވީމާ އިކޮނޮމިކްސް، މެތްސް، އެކައުންޓް ފަދަ މުހިންމު މާއްދާ ތަކަށް ދަރިވަރުންނަށް އެކަށީގެންވާ ވަގުތެއް ނުލިބޭ. މިއީ ވަރަށް ދެރަކަމެއް އަސްލު”. އުކުޅަސް ސްކޫލްގެ ގްރޭޑް 9ގެ ބެލެނެވެރިޔަކު ބުންޏެވެ.

އިމްތިޙާނު ނިމޭނެ ކަމަށް ކުރިން ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށްވާތީ 16 ވަނަ ދުވަހު ޗުއްޓީއަށް ރަށުން ބޭރަށް ދިޔުމަށް ނިންމައި، ހަދާފައިވާ ޕްލޭންތައް ވެސް މި ސަބަބާއި ހުރެ ކެންސަލް ކުރަން ޖެހުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، އަދި ޓެސްޓު ޕޭޕަރުގެ މައްސަލައިގައި ގޯސްކޮށް ކަންކަން ކުރި ބަޔަކާއި މެދު އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ބައެއް ބެލެނެވެރިން ބުންޏެވެ.

އުކުޅަހު ބެލެނިވެރިން މިހާރު ވަނީ މިމައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%