ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ރަޖިސްޓްރީކުރުން ލާޒިމްކުރާނެ އާ ގަވާއިދެއް އެކުލަވާލަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު މުންސިފް ރުޝްދީ ވިދާޅުވެއްޖެއެވެ.
މުންސިފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މެންބަރަކު ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލެވޭ ގަވާއިދާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މުންސިފް ފާހަގަކުރެއްވި ގޮތުގައި، މާޒީގައި ފަތުރުވެރިންނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގެ މައިގަނޑު ސަބަބަކީ، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ރަޖިސްޓަރީ ނުކޮށް ޚިދުމަތް ފޯރުކޮށްދެމުން ދިއުމެވެ.
"އަސްލު ގިނަފަހަރަށް ހާދިސާތައް ހިންގާފައި މިވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ނުޖެހޭތީކަމަށް އަޅުގަނޑަށް ބެލެވެނީ. ނަމަވެސް މިހާރު އަޅުގަނޑުމެން މި ޑްރާފްޓުކުރެވޭ ގަވާއިދުގައި މިފަދަ ފަރާތްތަކުން ރަޖިސްޓަރީ ކުރަން އެބަ ލާޒިމް ކުރެވޭ." މުންސިފް ވިދާޅުވިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ދަނީ ފަތުރުވެރިންނަށް މޫދު ކުޅިވަރުތަކާއި އެކްސްކާޝަން ހިދުމަތްތައް ރައްކާތެރި މާހައުލެއްގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ވުޒާރާއިން ބުނި ގޮތުގައި މި ގަވާއިދުގެ މަގްސަދަކީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، މޫދާއި ގުޅުންހުރި ކުޅިވަރުތަކާއި އެކްސްކާޝަން ހިދުމަތްތައް ރައްކާތެރި މާހައުލެއްގައި ފޯރުކޮށްދިނުމެވެ.
ގަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް އާއިޝަތު އަލީ ވިދާޅުވީ، މި އާ ގަވާއިދުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރުދަނާ ނިޒާމެއް ގާއިމުވެ، ފަތުރުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، މި އާ ގަވާއިދުގައި ވޯޓާ ސްޕޯޓްސް ސެންޓަރުތަކުން އަމަލުކުރަންޖެހޭ ވަކި ގައިޑްލައިންތަކެއް ކަނޑައެޅިފައިވާކަމަށެވެ. މީގެ ތެރޭގައި އެފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، ބޭނުންކުރާ އުޅަނދުފަހަރު ފުރިހަމަވާންޖެހޭ މިންގަނޑުތައް ހުންނާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
އޭގެ އިތުރުން މި ގަވާއިދުގެ ސަބަބުން ވޯޓާ ސްޕޯޓްސްގެ ހިދުމަތްތައް އިތުރަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.