މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައިކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރެއިން 74 އިންސައްތަ ނުވަތަ 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އިހްތިޔާރުކޮށްފައިވަނީ ފަތުރުވެރިކަމުގެ ރިސޯޓުތަކެވެ.
މި ހިނގާ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގައި 1,188,689 (73.8 އިންސައްތަ) ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި 352,544 (21.9 އިންސައްތަ) ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެއިތުރުން، ހޮޓާތަކުގައި 36,869 (2.3 އިންސައްތަ) ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 2,654 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ތިން ޤައުމަކީ:
- ޗައިނާ: 311,485 ފަތުރުވެރިން
- ރަޝިއާ: 234,718 ފަތުރުވެރިން
- އިނގިރޭސިވިލާތް: 122,068 ފަތުރުވެރިން
ރާއްޖެއަށް ފަތުރުވެރިން އެތެރެވި މައި ދޮރާށިތަކަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ރެކޯޑުކުރެވިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެގޮތުން ވީއައިއޭ އިން 1,608,240 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވެއެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވި ގަން އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް 5,699 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރިސޯޓުތަކުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ހިދުމަތްތަކުގެ ސަބަބުން، ދުނިޔޭގެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އަދިވެސް އޮތީ ކުރީ ސަފުގައެވެ. ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މި ދާއިރާ އިތުރަށް ފުޅާކޮށް، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






