ހުޅުމާލޭގެ ގޯތިތަކުގެ މައްސަލާގައި ސަސްޕެންޝަންގައި ހުރި މާލެ ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އެ މަގާމުން ވަކިކޮށްފި އެވެ.
އެމްޑަބްލިއުއެސްއީގެ ޑީއެމްޑީގެ މަގާމުން ފަޒީލް ވަކިކުރިކަން އެކުންފުިނިން ހާމަކުރީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އެކުންފުނިން ބުނިގޮތުގައި ފަޒީލް އެ މަގާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުންނެވެ. އަދި ފަޒީލުގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގާއެކު އިސްމަގާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށް ބޯޑުން ދެކެވަޑައިގަންނަވާ ކަމަށްވެސް ބުންޏެވެ.
ފަޒީލް ސަސްޕެންޑްކުރީ "ބިންވެރިޔާ" ސްކީމުން ގޯތި ލިބި އޭގެ އެއްބަސްވުން ފޯޖުކޮށްފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް ހުށަހެޅި މައްސަލާގައި މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
އެ މައްސަލާގައި ފަޒީލުގެ ފޯނާއި ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ. އަދި އެ މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި ފަޒުލް ރަޝީދު ވެސް ސަސްޕެންޑްކުރި އެވެ. އަދި ފަހުން އޭނާ ވަނީ އެ މަގާމުން އިސްތިއުފާދެއްވައިފަ އެވެ.